ޚަބަރު

އެންޖާސްއާ އެއްވަރުވެ މާސޭއިން ފުރުސަތު ނަގާލައިފި


ފްރެންޗް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފުލުގައި އޮތް އެންޖާސްއާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، އޮލިމްޕިކް މާސޭއިން ތާވަލުގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.

މި ނަތީޖާއާއެކު މާސޭ އޮތީ ހަތް މެޗުން ލިބުނު 14 ޕޮއިންޓާއެކު ތިންވަނައިގައެވެ. އެ ޓީމާ އެންމެ ކުރީގައި އުޅޭ ޕީއެސްޖީއާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ޕީއެސްޖީއާ އެއްވަރަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ދެވަނައިގައި އޮތީ އޭއެސް މޮނާކޯ އެވެ. މި ދެ ޓީމު ވެސް ކުޅެފައިވަނީ ހަ މެޗެވެ.

އޮރެންޖް ވެލޮޑްރޯމް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 26 ވަނަ މިނެޓުގައި އެންޖާސްގެ ޑިފެންޑަރު، ލިލިއަން ރައޮ-ލިސޯ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއެކު މާސޭ އަށް އޭގެ ފައިދާނަގަން ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވެ، އޭގެ ހަތަރު މިނެޓުފަހުން މާސޭގެ ފޯވާޑް، ނީލް މޯޕޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމާއެކު ދެ ޓީމުން ވެސް ފުރަތަމަ ހާފު ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުގައި މާސޭ އިން ޖެހި ފުރަތަމަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖޮނަތަން ރޯވް އެވެ.

މާސޭ އިން ލީޑްނެގިތާ ތިން މިނެޓުގެ ތެރޭގައި، އެންޖާސް އަށް އެއްވަރުކޮށްދިނީ ފަރީދް އެލް މެލައިލީ އެވެ. އޭނާ މި ލަނޑުޖެހީ ސީދާ ހިލޭޖެހުމަކުންނެވެ.

އޭގެފަހުން، މާސޭ އިން ލަނޑެއްޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާގޮތްނުވިއިރު، ޕެނަލްޓީއޭރިޔާ ތެރެއިން އެންޖާސްގެ ކުޅުންތެރިއަކުގެ އަތުގައި ބޯޅައިން ޖެހުނުކަމަށް އެޕީލްކޮށްގެން މާސޭ އަށް ޕެނަލްޓީއެއް ނުލިބުމުގެ ސަބަބުންނާއި އެ ޓީމުގެ މައިކަލް މުރީލޯ ކާމިޔާބުކުރި ގޯލެއް ވީއޭއާރް އިން ބެލުމަށްފަހު އެ ބޯޅަ ފޮނުވާލުމުގެ ކުރީން ޕެނަލްޓީއޭރިޔޭ ތެރެއިން ފައުލްކުރިކަމަށް ނިންމައި، ގަބޫލުނުކުރުމުން ހިތްހަމަނުޖެހުމާ ކުރިމަތިލާންޖެހުނެވެ.

ލީގުގައި މާސޭ ދެން ކުޅޭ މެޗުގައި ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 20 ވަނަ ދުވަހު ރަށުން ބޭރުގައި ނިކުންނާނީ މޮންޓްޕެލިއާ އާ ދެކޮޅަށެވެ. އެންޖާސް ކުޅޭ މެޗުގައި ހަމަ އެދުވަހު ރަށުން ބޭރުގައި ނިކުންނާނީ ޓޫލޫޒްއާ ދެކޮޅަށެވެ.