ޚަބަރު

ކޮޕާ ލިބަޓަޑޯރެސްގެ ފައިނަލް ރިވާ ޕްލޭޓުގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅެނީ


މި އަހަރުގެ ކޮޕާ ލިބަޓަޑޯރެސްގެ ފައިނަލް މެޗު ބިއުނޯސް އައިރެސްގައި ހުންނަ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުމަށް ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ އިދާރާ، ކޮންމެބޯލް އިން ނިންމައިފިއެވެ.

މިއީ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކޮޕާ ލިބަޓަޑޯރެސްގެ އެއް ލެގުގެ ފައިނަލް މެޗެއް ބާއްވާ ފުރަތަމަ ފަހަރެވެ. 2019 އިން ފެށިގެން ފައިނަލްގައި ދެ ލެގުގެ މެޗެއް ކުޅުމުގެ ބަދަލުގައި އެއްމެޗު ކުޅެން ވަނީ ނިންމާފައެވެ.

މި ފަހަރުގެ ފައިނަލް ކުޅެން ނިންމާފައިވާ ސްޓޭޑިއަމަކީ އާޖެންޓީނާގެ ރިވާ ޕްލޭޓްގެ ހޯމް ސްޓޭޑިއަމް ވެސް މެއެވެ. ރިވާ ޕްލޭޓުން ވަނީ މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެ ޓީމުން މި އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ހޯމް އެންޑް އަވޭ އުސޫލުން ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯއާ ދެކޮޅަށް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ރިވާ ޕްލޭޓުން މި ދެ މެޗުން އެގްރިގޭޓުން ކުރިހޯދައިފިނަމަ މި ފަހަރުގެ ފައިނަލްގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. މުބާރާތުގެ އަނެއް ސެމީގައި ބްރެޒިލްގެ ބޮޓަފޯގޯ ނިކުންނާނީ އުރުގުއޭގެ ޕެނަރޯލްއާ ދެކޮޅަށެވެ.

ކޮޕާ ލިބަޓަޑޯރެސްގެ އެންމެ ފަހުން ކުޅެވުނު ފަސް މުބާރާތުގެ ޗެމްޕިއަންކަން ވެސް ބްރެޒިލްގެ ކްލަބުތަކުން ހޯދާފައިވާއިރު، މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު އޮތީ އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު އެވެ.