ޚަބަރު

ބަނގުރާގެ ވިޔަފާރި ކުރި ދެ ބިދޭސީއަކު ހުޅުމާލެއިން ހައްޔަރުކޮށްފި


  • ދެ މީހުން ހައްޔަރުކުރީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓަކުން

ބަނގުރާގެ ވިޔަފާރި ކުރި ދެ ބިދޭސީއަކު ހުޅުމާލެ ފޭސް 3 އަކުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕަރަން ދާސް (49އ) އަދި އަލް އަމީން (30އ) އެވެ.

ފުލުހުން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 3 ގައި ހިންގި އޮޕަރޭޝަނެއްގައި ބަންގުލަދޭޝް ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރޭ ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 3 ގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓަކުން އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު 324 ދަޅު ބަނގުރާ، 378 ފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 10 ފުޅިއާއި 500 އެމްއެލްގެ ހަތް ފުޅި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.