ޚަބަރު

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަނީ!


  • ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް ފައިސާ ފޭރޭކަން ފާހަގަކުރެވޭ

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މަކަރާއި ހީލަތުންނާއި އެނޫންވެސް ގޮތްގޮތުން ފައިސާތައް ހޯދުމާއި ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އަދި މިކަމަށް އާންމުން ހޭލުންތެރިވުމަށް ފުލުހުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ދަނީ އިލްތިމާސްކުރައްވަމުންނެވެ.

ފުލުހުން ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތަޢާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ހުށަހަޅަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މިފަދަ ކަމެއް ދިމާވެއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅާ ރިޕޯޓް ކުރުމަށް އެދިވަޑައިގެންފައެވެ. އަދި މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް، އާންމު ރައްޔިތުންނަށް، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އޮޅުވާލައިގެން ފައިސާ އަތުލުމުގެ މައްސަލަތައް ނުވަތަ ސްކޭމުގެ މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް 13 މިލިޔަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

ޝިފާން ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައިވާއިރު، އޭގެތެރެއިން އަނބުރާ ހޯދިފައިވަނީ 2.2 މިލިއަން ރުފިޔާ ކަމަށެވެ.

ރާއްޖޭގައި ހިންގާ ސްކޭމްތަކުގައި މިހާތަނަށް އައިރު އޮޅުވާލައިގެން ބޮޑެތި އަދަދުން ފައިސާ ފޭރިގަނެފައި އެބަހުއްޓެވެ. އެގޮތުން ވިޔަފާރިތަކާއި، ޖަމްޢިއްޔާ ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ސްކޭމް ހިންގާފައިވާއިރު، މިފަދަ ސްކޭމްތަކުގައި އެތައް މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް މީގެ ކުރިން ފުލުހުން އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެނގެއެވެ.

ސްކޭމްތަކާއި ދެކޮޅަށް ފުލުހުންގެ ހާއްސަ ބަހާއެއް އުފައްދައި މަސައްކަތް ކުރަމުންދާއިރު، ކަމާ ބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެނީ މެސެޖަކުން އަންނަ ލިންކުތަކަށް ނުފިތުމަށެވެ. އަދި އެއްވެސް ފަރާތަކަށް ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށާއި ނުދަންނަ މީހުންނަށް އިތުބާރު ނުކުރުމަށް ތަކުރާރުކޮށް އެކި ޒަރީއްޔާތަކުން ކަމާއި ގުޅުން ހުރި އިދާރާތަކުން އެދެއެވެ.