ޚަބަރު

ޗެމްޕިއަން ސިޓީއަށް ހަނި މޮޅެއް، އާސެނަލުން ފަހަތުން އަރައި ސައުތެމްޓަން ބަލިކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި މަޓެއޯ ކޮވެސިޗް ކާމިޔާބުކުރި ދެ ލަނޑާއެކު ފުލަމް އަތުން 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ މޮޅުވިއިރު، އާސެނަލުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ސައުތެމްޓަން ބަލިކޮށްފިއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ސިޓީ މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރީން، އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އުޅެނީ ލިވަޕޫލެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، ހަތް މެޗުން 17 ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތް ސިޓީ އާއި ތިންވަނައިގައި އޮތީ އާސެނަލް އެވެ. ސިޓީ އަށް ކުރިލިބެނީ ޖެހިގޯލްގެ ތަފާތުންނެވެ. ހަތަރެއްގައި އޮތް ޗެލްސީ އަށް ހަ މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 26 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ފުލަމް އިންނެވެ. އެ ޓީމުގެ މެކްސިކޯ ފޯވާޑް، ރައުލް ހިމެނޭޒް ދިން ޕާހަކުން އަންދްރެއަސް ޕެރޭރާ މި ލަނޑުޖެހީ ވޮލީއަކުންނެވެ. އޭގެފަހުން، ފުލަމްގެ ލީޑް ފުޅާކޮށްދޭން އެޑަމާ ޓްރައޯރޭ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ސިޓީ އަށް އެއްވަރުކޮށްދިނީ ކޮވެސިޗް އެވެ. މި ގޯލާއެކު ދެ ޓީމުން މި ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓުގެ ތެރޭގައި ސިޓީ އިން ފުރަތަމަ ފަހަރަށް ލީޑްނެގި ލަނޑުޖަހައިދިނީ ވެސް ކޮވެސިޗް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ޕޯޗުގީޒް މިޑްފީލްޑަރު، ބެނާޑޯ ސިލްވާ ދިން ޕާހަކުންނެވެ. އޭގެފަހުން، ފުލަމް އަށް އެއްވަރުކޮށްދޭން އެޑަމާ ޓްރައޯރޭ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު، އެޑަސަން މޮރައެސް ހުއްޓުވިއިރު، މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ސިޓީގެ ތިންވަނަ ލަނޑުޖަހައިދިނީ ޖެރެމީ ޑޮކޫ އެވެ. އަދި އޭގެފަހުން، މެޗުގެ 88 ވަނަ މިނެޓުގައި ރޮޑްރިގޯ މުނީޒް ވަނީ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ.

ލީގުގައި ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ސައުތެމްޓަނާ އާސެނަލް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއްނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ސައުތެމްޓަނުން ލީޑްނެގީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކެމަރަން އާޗާ ވައްދާލި ލަނޑުންނެވެ.

ސައުތެމްޓަނުން ލީޑްނެގިތާ ތިން މިނެޓުގެ ތެރޭގައި އާސެނަލަށް އެއްވަރުކޮށްދިނީ ކައި ހަވާޓްޒް އެވެ. ހަވާޓްޒް މި ލަނޑުޖެހީ އެ ޓީމުގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ ދިން ބޯޅައަކުންނެވެ. އަދި އޭގެ 10 މިނެޓުފަހުން އާސެނަލުން ފުރަތަމަ ފަހަރަށް ލީޑްނެގީ ފަހު ހާފުގައި ކުޅެން ނިކުތް ގެބްރިއެލް މާޓިނެލީ ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ސަކާ އެވެ.

އާސެނަލަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަކާ އެވެ. މިއީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގައި ސަކާ ޖެހި ދެވަނަ ލަނޑެވެ. މި ހަތް މެޗުގައި އޭނާ ވަނީ އިތުރު ހަތް ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.