ޚަބަރު

އައިޓީޓީއެފް އޭޝިއަން ޗެމްޕިއަންޝިޕަށް ރާއްޖެއިން ވަރުގަދަ ޓީމެއް


ކަޒަކިސްތާނުގައި ބާއްވާ 27 ވަނަ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމު ތައްޔާރުވެއްޖެއެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ގައުމީ ޓީޓީ ޓީމުގައި ހިމެނެނީ އަށް ކުޅުންތެރިންނެވެ. އެއީ، ހަަތަރު އަންހެން ކުޅުންތެރިންނާއި ހަތަރު ފިރިހެން ކުޅުންތެރިންނެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އަންހެން ސްކޮޑުގައި ހިމެނެނީ، ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް، މިޝްކާ މުހައްމަދު އިބްރާހިމް އަދި ލައިސާ ފަތުހުﷲ އިސްމާއިލް އެވެ.

ފިރިހެން ސްކޮޑުގައި ހިމެނެނީ އެންމެ ފަހުގެ ގައުމީ ޗެމްޕިއަންކަން އަހްޔާރު އަހުމަދު ހާލިދުގެ އިތުރުން، ތަޖުރިބާކާރު ކުޅުންތެރިޔާ، މުންސިފް އަހުމަދު، މުހައްމަދު ޝައްފާން އިސްމާއިލް އަދި ޒީކް ހަސަން ލަތީފެވެ.

އަންނަ އަހަރު ބާއްވާ ދުނިޔޭގެ ޓޭބަލް ޓެނިސް މުބާރާތުގެ ކޮލިފިކޭޝަން އިވެންޓެއްގެ ގޮތުގައި ކުރިއަށްދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދާނީ ކަޒަކިސްތާނުގެ އަސްތާނާއަށް ނިސްބަތްވާ ދައުލަތު ސްޕޯޓްސް ކޮމްޕްލެކްސްގައެވެ.

މި މުބާރާތުގައި ފިރިހެން 24 ޓީމާއި އަންހެން 20 ޓީމު ވާދަކުރާ ކަމަށް އޭޝިއާގެ މައި ޓީޓީ ޖަމިއްޔާއިން މައުލޫމާތުދެއެވެ.