ޚަބަރު

ދިރާސާކުރުމާމެދު ދަރިވަރުންގެ މެދުގައި ޝައުޤު އުފެއްދުމަށް އައިޔޫއެމްއިން މުބާރާތެއް ބާއްވަނީ


  • މުބާރާތުގައި ބައިވެރިވެވޭނީ ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް

  • މުބާރަތް އޮންނާނީ މިމަހު 26 ގައި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ދިރާސާއާބެހޭ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

"ރިވެލި 2024" މި ނަމުގައި ބާއްވާ މުބާރަތް ޚާއްސަކޮށްފައިވަނީ މިހާރު ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި މަތީ ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނަށެވެ.

އިސްލާމީ ޔުނިވަރސިޓީން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވެވޭނީ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ތަޢުލީމް ޙާސިލްކުރަމުންދާ ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންނަށް ކަމަށެވެ. އެގޮތުން އެ ކުދިން ޝައުޤުވެރިވާ ދާއިރާތަކުން އެހެން މީހަކު ކޮށްފައިވާ ދިރާސާއެއް މުބާރާތައް ހުށައެޅޭނެކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވިއެވެ.

ދަރިވަރުން ހުށައަޅާ ދިރާސާއެއް ވާންވާނީ ޑިސްޓިންކްޝަން ނުވަތަ ހައި ޑިސްޓިންކްޝަން ލިބިފައިވާ ދިރާސާއަކަށް ކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވިއެވެ. އަދި ދިރާސާތައް ޕަވަރ ޕޮއިންޓް ބޭނުންކޮށްގެން ދަރިވަރުން ހުށައަޅާދޭންޖެހޭނެ ކަމަށާއި ހުށައެޅުމަށް 5 މިނެޓު ލިބޭނެ ކަމަށެވެ.

އިސްލާމީ ޔުނިވަރސިޓީން ވިދާޅުވީ މުބާރާތުގައި ދިރާސާގެ ފެންވަރަށާއި ދަރިވަރުންގެ ހުށައެޅުންތެރިކަމަށް ބަލައި މާކްސް ދެވޭނެ ކަމަށެވެ.

ރިވެލި 2024 މުބާރާތް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ވަނަ ހޯދާ ދަރިވަރުންނަށް 5،000 ރުފިޔާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް ގޫގަލް ފޯމެއް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ފޯމް ޔުނިވަރސިޓީގެ ވެބްސައިޓުން ލިބޭނެއެވެ.

ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖްތަމަޢުއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައެވެ. އަދި ރިވެލި މުބާރަތަކީ ދިވެހި ދަރިވަރުންގެ މެދުގައި ދިރާސާކުރުމަށް ލޯބި ޖެއްސުމަށް ބާއްވާ މުބާރާތެއްކަމަށް އިސްލާމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.