ޚަބަރު

ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކާއެކު ބައިރޫތު ގުގުމާލައިފި


ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާކޮށް, ވެރިރަށް ބައިރޫތަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރު ކޮށްފިއެވެ. ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތަކާ އެކު ބައިރޫތުގެ ދެކުނުގެ ސަރަޙައްދުތައް ވަނީ ގުގުމައިލާފައެވެ. ފެންނަނީ, ޙަމަލާދީ ޢާންމުން ދިރިއުޅޭ އިމާރާތްތައް ސުންނާފަތި ކޮށްލާފައިވާ ސަރަޙައްދުތަކުގައި ބިޔަ އަލިފާންގަނޑުތަކެއް ރޯވެ, ކަޅު ދުން އަރަމުންދާ މަންޒަރެވެ.

ބައިރޫތަށް ދެމުންދާ ޙަމަލާތައް އިތުރަށް ފުޅާކޮށްފައި މި ވަނީ ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އެކްޒެކެޓިވް ކައުންސިލުގެ ވެރިޔާ ހާޝިމް ޞަފީއްދީން ޝަހީދު ކޮށްލުމުގެ ނިޔަތުގައި ބައިރޫތުގެ ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުއެވެ. އޮކްޓޯބަރު 4ގައި ޞަފީއްދީން ޝަހީދު ކޮށްލަން ދިން ޙަމަލާތަކަށް ފަހު އޭނާގެ ޚަބަރެއްވެފައި ނުވާ ކަން ލުބްނާންގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް, ޔަހޫދީންގެ ޙަމަލާތަކުގައި އޭނާ ޝަހީދުވެފައިވާ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައެއް ނެތެވެ.

ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ލާއިންސާނީ ޖަރީމާތަކެއް ފަށާފައި ވަނީ އޮކްޓޫބަރު 23ވަނަ ދުވަހުއެވެ. އަދި, އޮކްޓޫބަރު 27ވަނަ ދުވަހު ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދުކޮށްލިއެވެ. އެއަށްފަހު, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް ވަދެ, ޤަތުލުޢާންމުތައް އިތުރު ކޮށްފައެވެ.

ޔަހޫދީ ފައުޖުން މިހާރު ދަނީ ލުބްނާންގެ އުތުރުގެ ރަށްތަކަށް ވެސް ވައިގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ. މި ގޮތުން, އުތުރުގައި އޮތް ބަނދަރުމަތީ ރަށެއް ކަމުގައިވާ ޠަރާބުލުސަށް ދިން ވައިގެ ޙަމަލާތަކެއްގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ އިސް މެންބަރަކާއި އޭނާގެ އަނބިދަރިން ޝަހީދު ކޮށްލިއެވެ. އަދި, ބައިރޫތުގެ ދެކުނުގެ އަށް ސަރަޙައްދަކަށް ވެސް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދިނެވެ.

ޔަހޫދީ ފައުޖުން ބުނީ, ލުބްނާންގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަކީ ޙިޒްބުاللهއާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނެއް ކަމުގައެވެ. އަދި, ފާއިތުވި 12 ވަރަކަށް ދުވަހުގެ ތެރޭގައި ޙިޒްބުاللهގެ 440 މުޖާހިދުން ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ. ނަމަވެސް, ޙިޒްބުاللهން އެ ޢަދަދު ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މިއީ, ޙިޒްބުاللهއާ ދެކޮޅަށް ހިންގަމުންދާ ޢުދުވާންތަކެއް ކަމުގައި ޔަހޫދީން ބުނި ނަމަވެސް, ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ލުބްނާންގެ ޢާންމު ރައްޔިތުންނެވެ.

ލުބްނާނަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ ރައްދުގައި ޙިޒްބުاللهން ވެސް ދަނީ ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ޒަޔަނިސްޓު ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް ޙިޒްބުاللهން ރޮކެޓު ޙަމަލާތަކެއް ދިނުމާ ގުޅިގެން އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ އިތުރުން ބޮޑެތި ރަށްތަކުގައި ވަނީ އިންޒާރުގެ ރަނގަބީލު އަޅާފައެވެ. އަދި, ޔަހޫދީ ޢާންމުން ވަނީ ބޮން ޝެލްޓަރތަކަށް ވަދެ ބޮނދާފައެވެ. ޙިޒްބުاللهން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގައި އޮތް ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީންގެ އަނިޔާވެރި ސިފައިން ތެރެއިން ނުވަ މީހުން މަރައިލާފައެވެ.

ލުބްނާންގެ ރަށްތަކަށް ޔަހޫދީ ފައުޖުން ޖަރީމާތައް ފުޅާކޮށްފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އަހަރެއް ފުރުމާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,825އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, ސުންފާތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ވަޅުލެވިފައިވާ ކަމަށް ޣައްޒާގެ އިދާރާތަކުން ޤަބޫލު ކުރެއެވެ. އެ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 96,910އަށް އަރައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.