ޚަބަރު

ތަސްލީމް ހޯދުމަށް މިދިޔަ މަހު ވަނީ ޔެލޯ ނޯޓިސް ނެރެފައި: ފުލުހުން


  • ތަސްލީމް ހޯދުމަށް ނޯޓިސް ނެރުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު

  • އޭނާގެ ގެއްލިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ބޮޑު ސަރަހައްދެއް ވަނީ ބަލާފައި

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް ހޯދުމަށް ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށާއި، އެ ނޯޓިސް ޤައުމުތަކަށް މިހާރު ފެންނަން ހުންނާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ، ތަސްލީމް ހޯދުމަށް ގެއްލިގެން ހޯދާ މީހުންނަށް ޚާއްސަކޮށްގެން އިންޓަޕޯލްއިން ނެރޭ ޔެލޯ ނޯޓިސް ނެރެފައިނުވާ ކަމަށް މީޑިއާއެއްގައި ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

މި މައްސަލާގައި ފުލުހުން ވިދާޅުވީ، ތަސްލީމް ގެއްލިގެން އިންޓަޕޯލް ޔެލޯ ނޯޓިސް މިދިޔަ މަހުގެ 12 ވަނަ ދުވަހު ނެރެފައިވާ ކަމަށެވެ. އަދި އާންމުކޮށް މިގޮތަށް ނެރޭ ހުރިހާ ނޯޓިސްއެއް އާންމުންނަށް ފެންނަހެން އިންޓަޕޯލް ވެބްސައިޓުގައި ފެންނަން ނުހުންނަ ކަމަށާއި، ނަމަވެސް ޤައުމުތަކަށް އެ ނޯޓިސް ފެންނަން ހުންނާނެ ކަމަށެވެ.

ތަސްލީމް ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަން އެދިފައިވާއިރު އެނާ ހޯދުމަށް ބޮޑު ސަރަހައްދެއް އެމްއެންޑީއެފްއާއި ގުޅިގެން ވަނީ ބަލާފައެވެ. އެގޮތުން ޖުމުލަ 943،998 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ތަސްލީމް ހޯދުމަށް އޭނާއާކު ފަސްގަނޑަށް ދިޔަ މީހުންނާއި ސުވާލުކޮށް ހެކީގެ ގޮތުގައި، އޭނާ އެ ފަސްގަނޑުގެ އުޅުނު ފޮޓޯއާއި ވީޑިއޯ ފުލުހުން ވަނީ ހޯދާފައެވެ. ތަސްލީމު ހޯދުމަށްޓަކައި އޭނާ އާއެކު ފިނޮޅަށް ދަތުރުދިޔަ މީހުންގެ އިތުރުން އެތަނަށް ދަތުރުދިޔަ އެހެން ގުރޫޕެއްގައި ހިމެނޭ 12 މީހުންނާވެސް ސުވާލު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި، ތަހުގީގުގެ ބޭނުމަށް ތަސްލީމުގެ ފޯނާއި ލެޕްޓޮޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ފަސްގަނޑަށް ދަތުރު ދިޔުމަށް ތަސްލީމު އާއި އިތުރު ބަޔަކު ބޭނުން ކުރި ދެ ލޯންޗު ބަލައި ފާސްކޮށްފައިވެއެވެ.