ޚަބަރު

ދިގުފެތުމުގެ ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަނީ


ބައިނަލްއަގުވާމީ ފެންވަރުގެ ދިގުފެތުމުގެ މުބާރާތެއް އަންނަ އަހަރު ނުވަތަ ޖެހިގެން އަންނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ވިސްނުން ގެންގުޅޭކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ސްވިމިން އެސޯސިއޭޝަނުން ވަނީ މި އަހަރުގެ ގައުމީ ދިގުފެތުމުގެ މުބާރާތް މިދިޔަ މަހުގެ ފަހުކޮޅު ބާއްވާފައެވެ. އެއް ދުވަހަށް ކުރިއަށްދިޔަ މި މުބާރާތުގައި މި އަހަރު 240 އެތުލީޓުން ބައިވެރިވެފައިވެއެވެ. އެއީ 149 ފިރިހެނުންނާއި 91 އަންހެން ބައިވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރު ޖުމްލަ 114 އެތުލީޓުން ވާދަކުރިއެވެ.

މިދިޔަ އަހަރާއި މިއަހަރު މި މުބާރާތް ބާއްވާފައިވަނީ ކުޑަގިރީގައެވެ. އެސޯސިއޭޝަނުން ގަބޫލުކުރާ ގޮތުގައި ދިގުފެތުމުގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތެއް ރާއްޖޭގައި ބޭއްވޭނެއެވެ. އެއީ އެފަދަ މުބާރާތެއް ބޭއްވޭނެ މާހައުލެއް ރާއްޖޭގައި އޮތުމުންނެވެ.

"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަވަމުން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވިދާޅުވީ އަންނަ އަހަރު ނުވަތަ ޖެހިގެން އަންނަ އަހަރު ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ އަމާޒެއް ކަމަށާއި އެ މުބާރާތް ބޭއްވުމަށް ކުރަންޖެހޭ ކަންކަން މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ.

ދިގުފެތުމުގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތެއް ރާއްޖޭގައި ބާއްވަން މަސައްކަތް ފަށާފައިވާއިރު، ބައިނަލްއަގްވާމީ ފެންވަރުގެ ސްވިމިން ޕޫލެއް ހެދުމުގެ މަސައްކަތް ހުޅުމާލޭގައި ދަނީ ބާރަށް ކުރިޔަށެވެ. މި ޕޫލު ނިމުމާއެކު ބައިނަލްއަގްވާމީ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަކީ ސްވިމިން އެސޯސިއޭޝަނުގެ އަމާޒެކެވެ.