ޚަބަރު

ޔުގާންޑާ މުބާރާތުން ނަބާ އާއި ނަބީގެ ޕެއާއަށް ލޯ މެޑެލް


ޔުގާންޑާ އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސްއިން ރާއްޖޭގެ ރިވައިވަލް ސްޕޯޓްސް ކުލަބުގެ ފާތިމަތު ނަބާހާ (ނަބާ) އާއި އާމިނަތު ނަބީހާ (ނަބީ) ގެ ޕެއާ ލޯ މެޑެލް ހޯދައިފިއެވެ.

ނަބީ އާއި ނަބާގެ ޕެއާ ވަނީ ކުއާޓާ ފައިނަލުން މޮޅުވެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. އެކަމަކު ސެމީ ފައިނަލުގައި ޔޫއޭއީގެ ނިދީ ދޭސާއި އާއި ސްރީޔުތުކާ ސްރީޖިތު ޕަރޯލްގެ ޕެއާ އަތުން ބަލިވީ ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެ ޔޫއޭއީގެ ޕެއާއިން 21-14 ގެންދިޔަ ނަމަވެސް، ނަބާ އާއި ނަބީގެ ޕެއާ ވަނީ ދެވަނަ ސެޓު 15-21 ކާމިޔާބުކޮށްފައެވެ. އެކަމަކު ގޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ތިންވަނަ ސެޓު ޔޫއޭއީގެ ޕެއާއިން ކާމިޔާބުކޮށްފައިވަނީ 21-18 އިންނެވެ.

މިއީ ނަބާ އާއި ނަބީ، ރިވައިވަލްގެ ޕެއާއެއްގެ ގޮތުގައި ކުޅުނު ފުރަތަމަ މުބާރާތެވެ. ރިވައިވަލްއިން ޔުގާންޑާ މުބާރާތުގެ ހަތަރު އިވެންޓެއްގެ ކުއާޓާ ފައިނަލުގައި ވަނީ ކުޅެފައެވެ. އެ ގޮތުން އަންހެން ސިންގަލްސްގައި ނަބާ އާއި ނަބީގެ އިތުރުން، ފިރިހެން ޑަބަލްސްގައި ޒަޔާން ޒަކީ އާއި ނިބާލް އަޙްމަދުގެ ޕެއާ ވަނީ ވާދަކޮށްފައެވެ. އަދި މިކްސް ޑަބަލްސްގެ ކުއާޓާ ފައިނަލުގައި ޒަޔާން އާއި ނަބާގެ ޕެއާވެސް ވަނީ ވާދަކޮށްފައެވެ.