ޚަބަރު

ރައީސް މުޢިއްޒުގެ ދަތުރުފުޅަކީ އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް އެޅޭ ބާރެއް: ޖައިޝަންކަރު


  • ދެޤައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ ބާރެއްކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅާއި ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ ރައީސް މުއިއްޒުއާއި ބޮޑުވަޒީރު މޯދީ މާދަމާ ބާއްވަވާ ބައްދަލުކުރެއްވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވުމަށް ބާރު އެޅިގެންދާނެކަމެއްކަމަށް ޔަގީންކުރައްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކެބިނެޓުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.