ޚަބަރު

ޔުނައިޓެޑް އަތުން އެސްޓަން ވިލާއަށް ޕޮއިންޓެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މިއީ ލީގުގައި ޔުނައިޓެޑަށް ލަނޑެއްނުޖެހި ނިންމާލަން ޖެހުނު ތިންވަނަ ފަހަރެވެ. މި މެޗުގައި ވިލާއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ ޓީމު އެންމެ ފަހުން އަމިއްލަ ދަނޑުގައި ޓޮޓްނަމް ހޮޓްސްޕާ އަތުން ވަނީ 3-0 އިން ބަލިވެފައެވެ. އަދި، އޭގެކުރީން ޕެލަސްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޔުނައިޓެޑުން މި މެޗަށް ނިކުތީ އެންމެ ފަހުން ޔުއެފާ ޔުރޮޕާ ލީގުގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އޭގެތެރެއިން ދެ ބަދަލެއް ގެނެސްފައިވަނީ އެ ޓީމުގެ ސެންޓްރަލް ޑިފެންސަށެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ލިސަންދްރޯ މާޓިނޭޒް އާއި މަތައިސް ޑި ލިޓްގެ ބަދަލުގައި ވިލާއާ ދެކޮޅަށް ނިކުތް މެޗުގެ އެގާރައިގައި ހިމަނާފައިވަނީ ހެރީ މެގުއާ އާއި ޖޮނީ އެވަންސް އެވެ.

ވިލާ އިން މި މެޗަށް ނިކުތްއިރު ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން 1-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްފައިވެއެވެ. އޭގެތެރެއިން، ދެ ބަދަލެއް ގެނެސްފައިވަނީ އަމަޑޫ އޮނާނާ އާއި ޖޭކޮބް ރަމްސީ އަށް އަނިޔާވުމުންނެވެ. މީގެއިތުރުން، މިވަގުތު އަނިޔާގައި ތިބި ވިލާގެ ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން، ޖޯން މެކްގިން އާއި ޓައިރަން މިންގްސް އަދި ބޫބަކާރް ކަމަރާ ހިމެނެއެވެ.

ވިލާ ޕާކްގައި ކުޅުނު މި މެޗަށް ނިކުތްއިރު މިދިޔަ ހަފްތާގައި ޔޫރަޕްގެ މުބާރާތްތަކުގައި ވަރުގަދަ މެޗުތަކެއް ކުޅެފައިވުމާއެކު ދެ ޓީމުގެ ފަރާތުން ވެސް ކޮންމެވެސް މިންވަރަކަށް ވަރުބަލިކަން ވަނީ ފެނިފައެވެ.

މި މެޗުގައި ލަނޑެއްޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ދެވަނަ ހާފުގައި ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ގޯލާއި ގާތްގަނޑަކަށް 25 ޔާޑު ދުރުން ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ޔުނައިޓެޑްގެ ފޯވާޑް، މާކަސް ރަޝްފޯޑްގެ އިތުރުން ވިލާގެ ބެލްޖިއަމް މިޑްފީލްޑަރު، ޔޫރީ ޓީލަމެންސް އަށް ލަނޑެއްޖަހައިދޭން ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުމެއް ނުހިފުނެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ވިލާގެ ޖޭޑެން ފިލޮޖީން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރު، ޑިއޯގޯ ޑަލޮޓް ވަނީ ބްލޮކް ކޮށްފައެވެ.

މި ނަތީޖާއާއެކު އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ވިލާ އޮތީ ހަތް މެޗުން ލިބުނު 14 ޕޮއިންޓާއެކު ފަސްވަނައިގައެވެ. އަދި ޔުނައިޓެޑް ވަނީ 8 ޕޮއިންޓާއެކު 14 ވަނަ އަށް ވެއްޓިފައެވެ.

މިއީ 1990 ވަނަ އަހަރުގެ ސީޒަނަށްފަހު ލީގުގެ ފުރަތަމަ ހަތް މެޗުން ޔުނައިޓެޑަށް މިހާތަނަށް އެންމެ މަދުން ޕޮއިންޓް ލިބުނު ފަހަރެވެ. ޔުނައިޓެޑްގެ މިހާރުގެ ކޯޗު، އެރިކް ޓެން ހާގްގެ ކޯޗުކަމުގައި މިދިޔަ ދެ ސީޒަނުގައި ވެސް ފުރަތަމަ ހަތް މެޗަށްފަހު އެ ޓީމަށް ލިބުނީ ނުވަ ޕޮއިންޓެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮތީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ހަމަ އެދުވަހު ވިލާ ނިކުންނާނީ ރަށުން ބޭރުގައި ފުލަމްއާ ދެކޮޅަށެވެ.