ޚަބަރު

ފުރަތަމަ މެޗުގައި ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވެއްޖެ


ސްރީ ލަންކާގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ތުރުކުމެނިސްތާން އަތުން ބަލިވެއްޖެއެވެ.

ހަ ގައުމު ވާދަކުރާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ލަންކާ އާއި، އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ނޭޕާލް އަދި ތުރުކުމެނިސްތާނެވެ. މުބާރާތް ކުރިއަށްދާނީ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ތުރުކުމެނިސްތާން އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ތުރުކުމެނިސްތާނުން ގެންދިޔައީ 25-11، 25-13 އަދި 27-25 އިންނެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުން އުޒްބެކިސްތާން ވަނީ ސީދާ ތިން ސެޓުން ކިރްގިސްތާން ބަލިކޮށްފައެވެ. އަދި ނޭޕާލުން ވަނީ ލަންކާ އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެފައެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ.