ޚަބަރު

ފަހަތުން އަރާ ބްރައިޓަން އިން ޓޮޓްންހަމް ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްންހަމް ހޮޓްސްޕަރ އާއި ދެކޮޅަށް ބްރައިޓަން ކުޅުނު މެޗު ފަހަތުން އަރާ ބްރައިޓަން އިން ކާމިޔާބުކޮށް ތާވަލުގެ ހަވަނަ މަގާމް ހޯދައިފި އެވެ.

މި މެޗުން މޮޅުވުމާއެކު ބްރައިޓަން އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުން 12 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް ހަތް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު, ޓޮޓްންހަމް އަށް ހަތް މެޗުން ލިބިފައިވަނީ 9 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނަ އެވެ.

ބްރައިޓަން ގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 23 ވަނަ މިނިޓުގައި ޓޮޓްންހަމްގެ ބްރެނަން ޖޯންސަން ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި ފުރަތަމަ ހާފްގެ ކުޅުން ނިމެން އަށް މިނިޓަށް ވެފައިވަނިކޮށް ޖޭމްސް މެޑިސަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް 2-0 ގެ ލީޑެއް ޓޮޓްންހަމް އަށް ހޯދަދީފަ އެވެ.

ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ބްރައިޓަންގެ ޔަންކޫބާ މިންޓޭ ވަނީ ލަނޑެއް ކާމިޔާބުކޮށް ބްރައިޓަން އަށް އުންމީދު އާކޮށްދީފަ އެވެ. މިއީ ނިއުކާސަލް ޔުނައިޓެޑްއިން ޔަންކޫބާ ބްރައިޓަން އާއި 30 މިލިއަން ޕައުންޑްގެ ފީއަކަށް ގުޅުނު ފަހުން އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މި މެޗުގައި ބްރައިޓަން އިން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ 58 ވަނަ މިނިޓުގައި މިޓޯމާ ދިން ބޯޅައަކުން ޖިއޮޖީނިއޯ ރަޓާރ އެވެ. މި މެޗުގައި މިޓޯމާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ބްރައިޓަން އިން މި މެޗުން މޮޅުވި ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޑެނީ ވެލްބެކް އެވެ. މި ލަނޑަކީ ރަޓާރ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވެލްބެކް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ބްރައިޓަން އިން ލީޑު ނެގުމާއެކު މި މެޗުގެ ނަތީޖާ ބަދަލުކުރުމަށް ޓޮޓްންހަމްއިން ވަނީ ބަދަލުތަކެއް ކޮށްފަ އެވެ. ނަމަވެސް ބްރައިޓަން ކޮޅަށް އިތުރު ލަނޑެއް ޖެހޭ ގޮތް އެ ޓީމަށް ވަނީ ނުވެފައެވެ.