ޚަބަރު

ކާވަހާލަށް އަނިޔާވެ ކުޅުމާއި ދުރަށް، އެކަމަކު އެއްބަސްވުން އައުކޮށްފި


ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ޑެނީ ކާވަހާލްގެ ކަނާއަތު ފައިގެ ލިގަމެންޓަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުނުތާ ގިނަ އިރުތަކެއް ނުވަނީސް، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރެއާލް މެޑްރިޑާއި ކަރްވަހާލް އާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރަށް ހަމަވާއިރު, އެ ކްލަބުން ވަނީ އިތުރު ސީޒަނަކަށް ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކޮށްފަ އެވެ. އެހެން ކަމުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކްލަބުގައި ހުންނާނެ އެވެ.

އުމުރުން 32 އަހަރުގެ ކަރްވަހާލް އަށް އަނިޔާ ވެފައިވަނީ ލަލީގާގައި މި ހަފްތާގައި ވިޔަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އަދި މި އަނިޔާގެ ސަބަބުން އޭނާއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އޭނާ އަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ރަސްމީކޮށް ރެއާލް މެޑްރިޑް އިން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 10 އަހަރުން ފެށިގެން ރެއާލް މެޑްރިޑަށް ކުޅެމުންދާ ކަރްވަހާލް ވަނީ އެ ކްލަބަށް 427 މެޗު ކުޅެދީފަ އެވެ. އަދި އެކްލަބާއިއެކު އޭނާ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު, ސްޕެނިޝް ލަލީގާ ހަތަރު ފަހަރު ހޯދާފަ އެވެ. މީގެ އިތުރުން ކޯޕާ ޑެލް ރޭއި ދެ ފަހަރު, ޔޫއެފާ ސުޕަރ ކަޕް ފަސް ފަހަރު, ފީފާ ކްލަބް ވޯލްޑް ކަޕް ފަސް ފަހަރު އޭނާ ވަނީ ހޯދާފަ އެވެ.

ކަރްވަހާލްގެ އެއްބަސްވުން އާ ކުރުމަށްފަހު ރެއާލް މެޑްރިޑް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރިންވެސް ނިންމާފައިވާ ގޮތަށް އިތުރު އަހަރަކަށް ކަރްވަހާލްގެ އެއްބަސްވުން އާކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް އަވަސް ޝިފާއަކަށް އެދި އަނިޔާއިން ރަގަޅުވެ އަލުން ކުޅުމުގެ ތެރެއަށް ވީހާވެސް އަންނާނެކަމަށް އުންމީދު ކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.