ޚަބަރު

ޤަވާއިދާ ޚިލާފަށް ގެންނަ ދިރޭތަކެތި ނައްތާލުމުގެ ޚަރަދު އެ ތަކެތި ގެންނަ ފަރާތަކުން ދޭންޖެހޭ ގޮތަށް ހަދައިފި


  • ޚަރަދާއި އިންތިޒާމްތައް 7 ދުވަސް ތެރޭގައި ހަމަޖައްސަން ޖެހޭ

ޤަވާއިދާ ޚިލާފަށް ރާއްޖެއަށް ގެންނަ ޖަނަވާރާއި ދިރޭ ތަކެތި ނައްތާލުމަށް ނުވަތަ އެހެން ތަނަކަށް އަނބުރާ ފޮނުވާލުމަށް ހިނގާ ޚަރަދާއި އިންތިޒާމުތައް، އެ އެއްޗެއް އެތެރެކުރި ފަރާތްތަކުން ހަމަޖައްސަން ޖެހޭގޮތަށް ހަދައިފިއެވެ.

"ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ޤާނޫނާ ޚިލާފަށް ވިޔަފާރި ކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތާލުމާ ގުޅޭ" ޤަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން އެކަމަށް ހިނގާ ޚަރަދު ހަމަޖައްސަން ޖެހޭނީ އެ ތަކެތި ގެންނަ ފަރާތުންނެވެ.

މީގެ ކުރިން ޤަވާއިދުގައި އޮންނަ ގޮތުން ވެރިފަރާތުން ޒިންމާވާން ޖެހެނީ އެހެން ޤައުމަކަށް ފޮނުވާލުމުގެ ޚަރަދަށެވެ. ނަމަވެސް ފަހުން ގެނައި އިސްލާހުގައިވާގޮތުން ޤަވާއިދާ ޚިލާފަށް ގެންނަ ދިރޭ ތަކެއްޗާމެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ނިންމުމަކީ އެ ދިރޭ އެއްޗެއް ގެނައި ޤައުމަކަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ނުވަތަ ފެސިލިޓީއަކަށް ފޮނުވާލުން ކަމަށްވާ ނަމަ، އެ ތަކެތި އެތެރެކުރި ފަރާތުން އެކަމުގެ ޚަރަދާއި އިންތިޒާމްތައް 7 ދުވަސް ތެރޭގައި ހަމަޖައްސަން ޖެހޭނެއެވެ.

އެ ތަކެތި ނައްތާލަން ނިންމާ ހާލަތުގައިވެސް އެކަމަށް ހިނގާ ހަރަދު އެ ފަރާތަކުން ދައްކަން ޖެހޭނެ ކަމަށް އެ އިސްލާހުގައިވެއެވެ. މީގެ ކުރިން އަމަލުކުރަމުންދިޔަ އުޞޫލުގެ ދަށުން އެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވެރި ފަރާތަށް ދެނީ ދެ ދުވަހެވެ.