ޚަބަރު

ފްރޭންކްފަޓުން ބަޔާން މޮޅުވިޔަނުދީ ހިފަހައްޓައިފި


ޖަރުމަން ލީގުގައި ރޭ ރަށުން ބޭރުގައި އެއިންޓްރަކްޓް ފްރޭންކްފަޓާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

މިއީ ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ބަޔާނަށް މޮޅެއްނުލިބި ނިންމާލަން ޖެހުނު ތިންވަނަ ފަހަރެވެ. އަދި، މިއީ ފްރޭންކްފަޓާ ދެކޮޅަށް ބަޔާން އެންމެ ފަހުން ކުޅުނު ދެ މެޗުގެ ތެރެއިން މޮޅެއްނުލިބި ނިންމާލަންޖެހުނު ދެވަނަ ފަހަރެވެ. މި ދެ ޓީމު އެންމެ ފަހުން ނިމިދިޔަ ސީޒަނުގެ ލީގުގައި ފްރޭންކްފަޓްގެ ދަނޑުގައި ކުޅުނު މެޗުން ބަޔާން ބަލިވީ 5-1 އިންނެވެ.

ރޭގެ ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ ލީގުގެ އެއްވަނައިގައެވެ. ބަޔާނަށް މިހާތަނަށް ކުޅުނު ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، މި އަދަދަށް ޕޮއިންޓް ލިބިގެން ދެވަނައިގައި އާރްބީ ލައިޕްޒީގް އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ފްރޭންކްފަޓެވެ. ހަތަރުވަނައިގައި އޮތް ފްރެއިބާގަށް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ފްރޭންކްފަގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ބަޔާނުން ޑޮމިނޭޓްކޮށްފައިވާއިރު، އެ ޓީމުގެ ފްރާންސް ވިންގް މައިކަލް އޮލީސޭ އާއި ތޯމަސް މުލާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ބަޔާނުން ޖެހި ފުރަތަމަ ލަނޑު، 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ޑިފެންޑަރު ކިމް މިން-ޖޭއެވެ. އޭނާ މި ލަނޑުޖެހީ މުލާ ދިން ބޯޅައަކުންނެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން، ފްރޭންކްފަޓުން އެއްވަރުކުރީ އަންސްގަރް ނައުފް ދިން ޕާހަކުން އޮމަރް މަރުމޫޝް ކާމިޔާބުކުރި ލަނޑުންނެވެ.

އަދި އޭގެފަހުން މެޗުގެ 35 ވަނަ މިނެޓުގައި ކައުންޓަ އެޓޭކެއްގައި މަރުމޫޝް ނަގައިދިން ހުރަހެއްގެ އެހީގައި ހޫގޯ އެކިޓީކޭ ވަނީ ފްރޭންކްފަޓަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓުފަހުން، ފްރޭންކްފަޓްގެ ކުޅުންތެރިންނަށް ޕެނަލްޓީ އޭރިޔާ ތެރެއިން ސަލާމަތްނުކުރެވުނު ބޯޅައެއްގެ އެހީގައި ބަޔާނަށް އެއްވަރުކޮށްދިނީ ފްރާންސްގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯއެވެ. މި ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ބަޔާނުން ވަނީ އިތުރު ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ނަގައިފައެވެ. މެޗުގެ 53 ވަނަ މިނެޓުގައި ބަޔާނަށް މި ލަނޑުޖަހައިދިނީ އޮލީސޭ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ އިނގިރޭސި ފޯވާޑް، ހެރީ ކޭން ދިން ޕާހަކުންނެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް ފްރޭންކްފަޓުން އެއްވަރުކުރީ އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި މަރުމޫޝް ވައްދާލި ލަނޑުންނެވެ. މިއީ ލީގުގައި މަރުމޫޝް ޖެހި އަށްވަނަ ލަނޑެވެ. މިއާއެކު، ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅެނީވެސް އޭނާއެވެ.