ޚަބަރު

ހަނިމާދޫ އެއަރޕޯޓުގެ ރަންވޭ މަސައްކަތް ނިންމައި އިފްތިތާހްކޮށްފި


  • ހަނިމާދޫ އެއަޕޯޓްގެ މަސައްކަތް ކުރަނީ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއިން

  • މުޅި މަޝްރޫޢު އަންނަ އަހަރު ނިންމުމަށް ހަމަޖެހިފައިވޭ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. މި މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ.

ރަންވޭ ނިންމާ އިފްތިތާހްކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިގޮތުން މި މަޝްރޫއުގެ ނިމުން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ހަނިމާދޫ އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްތައް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީމަހުއެވެ. މި މަޝްރޫޢުއަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ރީ-ޑިވެލޮޕްކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ޕްރޮޖެކްޓްގައި އެންމެ ފުރަތަމަ ފެށީވެސް ރަންވޭގެ މަސައްކަތެވެ.

އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ. އަލަށް ތަރައްޤީކުރާ ރަންވޭއާ ކުރީގެ ރަންވޭ އޮތް ސަރަޙައްދުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން، އައު ރަންވޭގެ ފުރަތަމަ ފޭސްގައި 1200 މީޓަރުގެ ސަރަޙައްދު ތަރައްޤީކޮށް، އެ ބައި ބޭނުންކުރަން ހުޅުވާލީ މިއަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ.

ކުރިން އޮތް ރަންވޭއަކީ 150 މީހުންގެ އެއަރކްރާފްޓްތައް ޖެއްސޭ ފެންވަރުގެ ރަންވޭއެއްނަމަވެސް ބޮދު ކުރި ރަންވޭއާއެކު 250-300 މީހުން އުފުލޭ ބޮޑެތި އެއަރކްރާފްޓްތައް ޖެއްސޭނެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. މިއެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.

މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އެއަޕޯތް މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް އަންނަ އަހަރަށް ނިންމުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަނިމާދޫ ރަންވޭއަށް އިތުރު 700 މީޓަރު އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެއީ ސަރުކާރުން އެ ސަރަޙައްދުގެ ފަތުރުވެރިކަމަށް އިތުރުކުރެއްވުމަށް ނިންމާފައިވާ 9،000 އެނދާއެކު، އެ ބަދަލަށް ޚިދުމަތް ދެވޭވަރަށް އެއަރޕޯޓް ތަރައްޤީކުރަން ބޭނުންވާތީއެވެ.