ޚަބަރު

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް 118 އަހަރު: މުވާޞަލާތު ކުރުމަށް ދިވެހިން ފުރަތަމަ ބޭނުންކުރީ ޕޯސްޓް


  • ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ފެށީ 1906 ވަނަ އަހަރު

  • ޕާރުސަލެއް އައުމުން 24 ގަޑިއިރުގެ ތެރޭގައި މިހާރު ޑެލިވަރީ ކޮށްދޭނެ

  • ޕޯސްޓްގެ ޚިދުމަތްވަނީ ދުނިޔޭގެ ބޮޑެތި ބާޒާރުތަކާ ދިވެހިން ގުޅުވާލަދީފައި

މިއަދަކީ ދުނިޔޭގެ ޕޯސްޓް ދުވަހެވެ. ޕޯސްޓް ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މުވާޞަލާތު ކުރުމާއި ތަކެތި ފޯރުކޮށްދިނުމުގައި ޕޯސްޓް ޚިދުމަތުން އަދާކޮށްދީފައިވާ ދައުރު ފާހަގަކުރުމެވެ.

ދުނިޔޭގެ ޕޯސްޓް ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ފެށީ 1969 ވަނަ އަހަރުއެވެ. އެހެންނަމަވެސް، ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން ޤާއިމްކުރެވުމާ ގުޅިގެން ޕޯސްޓްގެ ޚިދުމަތުގެ މުހިންމުކަން ވަޒަންކުރެވި އެކަމާ ގުޅޭ ދުވަހެއް ދިޔައީ ފާހަގަކުރަމުންނެވެ. ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން ޤާއިމްކުރެވުނީ 1874 ވަނަ އަހަރުއެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް ޕޯސްޓް ދުވަހެއް ފާހަގަކޮށްފައިވަނީ 1874 ވަނަ އަހަރުއެވެ.

މިއަހަރުގެ ދުނިޔޭގެ ޕޯސްޓް ދުވަހުގެ ޝިޢާރެއްގެ ގޮތުގައި އދ.ން ކަނޑައަޅާފައިވަނީ "ޤައުމުތަކުގެ މެދުގައި މުވާސަލާތު ކުރެވޭނެ ގޮތް ހެދުމާއި މީހުން ބާރުވެރިކުރުމުގައި 150 އަހަރު" މިއެވެ.

ޕޯސްޓްގެ ޚިދުމަތަކީ ވަރަށް ކުރީއްސުރެ ރާއްޖޭގައި ދެމުންދާ ޚިދުމަތެކެވެ. ސިޓީބިޓީ ބަދަލުކުރުމަށް މުވާސަލާތީ ވަސީލަތެއްގެ ގޮތުގައި އެންމެ ފުރަތަމަ ދިވެހިން ބޭނުންކުރީ ޕޯސްޓްގެ ޚިދުމަތެވެ. އެއީ ރަސްމީކޮށް ޕޯސްޓް އޮފީހެއް ހުޅުވުމުގެ ކުރިންނެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވުނީ 1906 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ޕޯސްޓް އޮފީހެއް ހުޅުވަން މެދުވެރިވި މައިގަނޑު ސަބަބަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުވާސަލާތު ކުރެވޭނެ ނިޒާމެއް އޮތުން މުހިންމުކަމަށް އޭރު އޮތް ދިވެހި ދައުލަތަށް ވިސްނުމެވެ.

ޕޯސްޓް އޮފީހެއް އުފެދި އޭރު އެންމެ ފުރަތަމަ ދިވެހި ޕޯސްޓް އޮފީހުން ބޭނުންކުރީ ސިލޯނުގެ 25 ސެންޓް ސްޓޭމްޕްގައި މޯލްޑިވްސް ޖަހައިގެންނެވެ. ޕޯސްޓް އޮފީހުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ސްޓޭމްޕެއް ބޭނުންކުރީ 1909 ވަނަ އަހަރުއެވެ.

ޕޯސްޓްގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން އައިގޮތާ ގުޅޭގޮތުން ޕޯސްޓް އޮފީހުގެ ޖެނެރަލް މެނޭޖަރ ޠާރިޤް ޖަލާލް ވަނީ ޕީއެސްއެމް ނިއުސްއާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

"ފުރަތަމަ ފަހަރަށް ރާއްޖޭގެ ސްޓޭމްޕަލަކަށް ބޭނުންކުރީ ދިވެއްސަކު ފަރުމާކުރި ސްޓޭމްޕެއް. އެ ސްޓޭމްޕް ފަރުމާކޮށްފައިވަނީ މާލޭ ހުކުރު މިސްކިތުގެ މުންނާރު ހިމަނައިގެން. އެ ސްޓޭމްޕް ޕްރިންޓުކުރީ އިނގިރޭސި ސަރުކާރުގެ އެހީގައި." ޠާރިޤް ވިދާޅުވިއެވެ.

ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ޤާއިމްވެގެންދިޔުމާއެކު، ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އިންޤިލާބީ ބަދަލެއް އައެވެ. ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ކުދިންނާ މުވާސަލާތުކުރުމަށް ދިވެހިން ބޭނުންކުރީ ޕޯސްޓްގެ ޚިދުމަތެވެ. ރަށު އޮފީސްތަކުގެ މެދުގައި މުވާސަލާތުކުރުމަށް ބޭނުންކުރީވެސް ޕޯސްޓްގެ ޚިދުމަތެވެ. އޭރު ޕޯސްޓްގެ ޚިދުމަތަކީ ދިވެހިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ޚިދުމަތެކެވެ.

1906 ވަނަ އަހަރު ފެށި ޕޯސްޓްގެ ޚިދުމަތަށް މިހާރު މިވަނީ 118 އަހަރު ފުރިފައެވެ. މި 118 އަހަރުގެ ތެރޭގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ޕޯސްޓްގެ ޚިދުމަތަށް ވަނީ އައިސްފައެވެ. އެގޮތުން 1994 ވަނަ އަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެޖެންސީ ޕޯސްޓް އޮފީހެއް ޤާއިމްކުރެވުނެވެ. މި އޮފީސްތަކާއެކު އަތޮޅުތެރެއަށް ޕޯސްޓްގެ ޚިދުމަތުގެ ޑެލިވަރީ އަވަސްވިއެވެ.

ޕޯސްޓްގެ ޚިދުމަތް ފުޅާވެ، ޑެލިވަރީ ކުރަންޖެހޭ ސިޓީތަކާއި ޕާރުސަލްތަކުގެ އަދަދު އިތުރުވެ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ނަމުގައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ޕޯސްޓްގެ ޚިދުމަތް ދޭން ފެށީވެސް 1994 ވަނަ އަހަރުއެވެ.

ރާއްޖޭގެ ޕޯސްޓްގެ ޚިދުމަތުން ހޯދާފައިވާ ކުރިއެރުންތަކުގެ ތެރޭގައި ޑެލިވަރީ އައުމުން ތަކެތި ގަތް މީހާއަށް އެކަން އެންގުމަށް ވަގުތުން މެސެޖު ފޮނުވޭ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ. އަދި މެއިލްއެއް ނުވަތަ ޕާރުސަލެއް އަންނަތާ 24 ގަޑިއިރުގެ ތެރޭގައި ޕޯސްޓްގެ ޚިދުމަތުގެ ތެރެއިން ޑެލިވަރީ ކޮށްދެއެވެ.

ތަފާތު އެއްބަސްވުންތައް އެކުލަވާލައި ދިވެހިރާއްޖޭގެ ޕޯސްޓް އޮފީހުން މިހާރު ވަނީ ދުނިޔޭގެ ބޮޑެތި ބާޒާރުތަކާ ދިވެހިން ގުޅުވާލަދީފައެވެ. ކުރިން ރާއްޖެއަށް ގެނެވޭނެ ގޮތެއް ނެތް މުދާތައް އެކި ޝިޕިން ލައިންތަކާ ގުޅިގެން މިހާރު ރާއްޖެއަށް ގެނެވެއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މިހާރު ވަނީ އޮންލައިން ވިޔަފާރި ކުރެވޭ ދެ ޕްލެޓްފޯމެއްވެސް ޤާއިމްކޮށްފައެވެ. އީ-ޓުކުރި އިންޓަނޭޝަނަލް އަދި އީ-ޓުކުރި ލޯކަލް މެދުވެރިކޮށް، ފަސޭހަކަމާއެކު ބޭރު ދުނިޔޭގެ އުފެއްދުންތަކާއި ދިވެހި އުފެއްދުންތައް ގަނެ، އަމިއްލަ ގެއާ ހަމައަށް ގެނެވޭނެ މަގު ދިވެހިންނަށް ވަނީ ފަހިވެފައެވެ.