ޚަބަރު

ބައްސާމްގެ އެޕާޓްމަންޓް މާދަމާ އަތުލަން ފުލުހުން ނިންމައިފި


ފީފާއިން އެފްއޭއެމަށް ދިން ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓް މާދަމާގެ ނިޔަލަށް ދެ އެޕާޓްމަންޓު އަނބުރާ ހަވާލުކުރުމަށް އަންގައިފިއެވެ.

ފުލުހުން މި ނިންމުން ނިންމިކަން ހާމަކޮށްފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ އެޕާޓްމަންޓް ހަ ދުވަހުގެ ތެރޭގައި ހުސްކުރަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އޭނާއަށް އެންގި ކަމަށެވެ. ނަމަވެސް، އެ މުއްދަތު އިތުރުކޮށްދޭން އޭގެ އަނެއް ދުވަހު ބައްސާމް އެ އިދާރާގައި އެދުނު ކަމަށް ފުލުހުން ބުންޏެވެ.

ބައްސާމް އެދުނު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު އެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކޮށްދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިއްޔެގެ ނިޔަލަށް މުއްދަތު އިތުރުކޮށްދޭން ބައްސާމް އެ އިދާރާގައި އެދިފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ނަމަވެސް ފުލުހުން ބުނީ އެ އިދާރާއިން ބެލިބެލުމުން ބައްސާމް އެދިފައިވާ ގޮތަށް މުއްދަތު ދެން އިތުރުކޮށްދެވެން ނެތް ކަމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ އެޕާޓްމަންޓް ހުސްކޮށް ހަވާލުވުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާދަމާރޭ 12:00 އާ ހަމައަށް ބައްސާމްގެ ދެ އެޕާޓްމަންޓް ހަވާލުނުކޮށްފި ނަމަ، ގާނޫނީ އިމުގެ ތެރެއިން އެ ތަންތަން ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ