ޚަބަރު

މިއީ އެންމެ ކާމިޔާބު އެއް ދަތުރު، އެކި ދާއިރާތަކުން ފަސޭހަވެގެންދާނެ: ޚާރިޖީ ވަޒީރު


  • ރައްޔިތުންނަށް ފައިދާވާނެ ގިނަ ކަންކަމަށް މި ދަތުރުން ފަހިވާނެކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ އެތައްކަމަށް ފަސޭހަވެގެންދާނޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މިއީ ރާއްޖޭގެ ރައީސަކަށް އިންޑިއާއިން އެންމެ ހޫނު މަރުހަބާއެއް ވިދާޅުވި ފަހަރުކަމަށެވެ. އަދި އެއީ ހިތްތިރިކަމާއެކު ހުރިހާ ޤައުމަކާއެކު ގުޅުންބަދަހިކުރުމަށް އިސްކަންދެއްވައިގެން ބައިނަލްއަޤްވާމީ މައިދާނުގައި ރައީސް ކުރައްވާ މަސައްކަތްޕުޅުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސްގެ މިދަތުރުފުޅުން ދިވެހި ރައްޔިތުންނަށް ފައިދާވާނެ އެތައްކަމެއް ފަހިވެގެންދާނެކަމަށެވެ. އެގޮތުން ކަރަންސީ ސުވޮޕް އެއްބަސްވުމުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާދެމެދުގައި ދެ ގައުމުގެ ފައިސާއިން ވިޔަފާރިކުރަން ފަސޭހަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެއްކަމަކަށް އަޅުގަނޑ ފާހަގަކޮށްލަން ރާއްޖޭގެ އިޤްތިޞާދީ މިއަދު ހާލަތަށް ބަލާއިރު، 400 މިލިޔަން ޑޮލަރުގެ ކަރެންސީ ސްވޮޕެއްގައި ސޮއިކުރުން. 30 ބިލިޔަން ރުޕީސް، އެއީ ގާތްގަނޑަކަށް މިއަދުގެ ވެލިޔުއަށް ބަލާއިރު 360އަކަށް ބިލިޔަން ޑޮލަރުގެ އީކުއެލެންޓު. އެހެންވީމަ ވަރަށް ބޮޑަށް ޑޮލަރަށް އޮތް ދަތިކަމަށް ޙައްލެއް މިކަމުގެ ތެރެއިން އަންނާނެ. އަދި ދެޤައުމުގެ މަޝްރާކުރީ ދެޤައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުން، އެފްޓީއޭގެ މަސައްކަތް ފެށުން. މިކަންތައް ރައީސް ވަނީ މަޝްވަރާގައި ކުރިއަށް ގެންދަވާފައި." ވަޒީރު ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ކަރަންސީ ސުވޮޕް އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް އަދި ވިޔަފާރިތަކަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.