ޚަބަރު

ދެވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ


މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ސްރީ ލަންކާ އަތުންވެސް ބަލިވެއްޖެއެވެ.

ހަ ގައުމު ވާދަކުރާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ލަންކާ އާއި، އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ނޭޕާލް އަދި ތުރުކުމެނިސްތާނެވެ. މުބާރާތް ކުރިއަށްދަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ދެވަނަ މެޗުގައި މިރޭ ލަންކާ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 25-14، 25-14 އަދި 25-11 އިންނެވެ. މި މެޗުން ރާއްޖެ ބަލިވިއިރު، މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ސީދާ ތިން ސެޓުން ތުރުކުމެނިސްތާން އަތުން ބަލިވެފައެވެ.

މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ތުރުކުމެނިސްތާނުން ވަނީ ސީދާ ތިން ސެޓުން ކިރްގިސްތާން ބަލިކޮށްފައެވެ. އަދި އުޒްބެކިސްތާނުން ވަނީ ތިން ސެޓު އެއް ސެޓުން ނޭޕާލް ބަލިކޮށްފައެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ.

މިހާރު އޮތް ގޮތުން ތާވަލުގެ އެއްވަނައިގައި އޮތް ތުރުކުމެނިސްތާނާއި ދެވަނައިގައި އޮތް އުޒްބެކިސްތާނަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލަންކާ އާއި ހަތަރުވަނައިގައި އޮތް ނޭޕާލަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ފަސްވަނައިގައި އޮތް ކިރްގިސްތާނާއި ފުލުގައި އޮތް ރާއްޖެއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.