ޚަބަރު

ފެރާން ޓޮރޭސްއަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް


ބާސެލޯނާގެ ސްޕެއިންގެ ފޯވާޑް ފެރާން ޓޮރޭސްއަށް އަނިޔާވެ، ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ބާސެލޯނާ އިން ހާމަކޮށްފައިވާ ގޮތުގައި ފެރާން ޓޮރޭސްގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނީ ދެ މަސް ދުވަސް ފަހުންނެވެ. ފެރާން ޓޮރޭސްއަށް އަނިޔާ ވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ޑިޕޯޓިވޯ އަލްވޭޒް އާއި ދެކޮޅަށް ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު މެޗުގަ އެވެ.

ޓޮރޭސްއަށް ލިބުނު އަނިޔާގެ ސަބަބުން ޔޫއެފާ ނޭޝަންސް ލީގުގައި ސްޕެއިން އިން މި ހަފްތާ އާއި އަންނަ ހަފްތާގައި ޑެންމާކާއި ސާބިޔާ އާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި ނުކުޅެވޭނެ ކަން ކޯޗް ލުއިސް ޑި ލަ ފުއެންޓޭ ވަނީ ހާމަކޮށްފަ އެވެ.

އުމުރުން 24 އަހަރުގެ ފެރާން ޓޮރޭސްއަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހިފައިވާއިރު މި ސީޒަނުގައި ބާސެލޯނާއަށް ވަނީ އަނިޔާގެ މައްސަލަ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން އަނިޔާ ވެފައިވާ ކުޅުންތެރިންގެ ތެރޭގައި ކީޕަރު މާކް އެންދްރޭ ޓާ ސްޓެގަން އާއި ޑެނީ އޮލޯ, ގަވީ, ފާމިން ލޮޕޭޒް, އެންދްރިއަސް ކްރިސްޓެންސެންގެ އިތުރުން ރޮނާލްޑް އަރައުހޯ ހިމެނެއެވެ.

ބާސެލޯނާގެ އެއްވަނަ ކީޕަރު ޓާ ސްޓެގަން އަށް ލިބުނު އަނިޔާގެ ސަބަބުން އެ ކްލަބުން ވަނީ އެތަން ފޫބެއްދުމަށްޓަކައި ކުޅުން ހުއްޓާލާފައިވާ ޕޮލެންޑްގެ ކީޕަރު ޝެޒްނީ މި ސީޒަނުގެ ނިޔަލަށް އެ ޓީމަށް ގެނެސްފަ އެވެ.

ބާސެލޯނާގެ ކޯޗް ހެންސީ ފްލިކް ވަނީ އަނިޔާގެ މައްސަލަ ބޮޑުވެފައިވާތީ އެކަމުގެ ކަންބޮޑުވުން މިދިޔަ އާދިއްތަ ދުވަހުވެސް ހާމަކޮށްފަ އެވެ. އަދި މި ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރު އެކުލަވާލާފައިވާ ގޮތުގެ ސަބަބުން އަރާމު ކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ނުލިބި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ އެކަމަށް އޭނާ ވަނީ މީގެ ކުރިންވެސް ފާޑު ކިޔާފަ އެވެ.