ޚަބަރު

ޕޮގްބާގެ ސަސްޕެންޝަން ލުއިކުރި ސަބަބު ކާސްއިން ހާމަކޮށްފި


ކުޅިވަރުގައި މަނާ ބޭސް ބޭނުންކޮށްފައިވާ ކަމަށް ޕޮޒިޓިވްވުމާ ގުޅިގެން ހަތަރު އަހަރަށް ސަސްޕެންޑް ކޮށްފައިވާ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަހަށް ކުޑަކުރި ސަބަބު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ހާމަކޮށްފިއެވެ.

ކާސްއިން ޕޮގްބާގެ ހަތަރު އަހަރުގެ ސަސްޕެންޝަން 18 މަސް ދުވަހަށް ކުޑަކޮށްފައިވަނީ އެ މައްސަލަ ޕޮގްބާގެ ފަރާތުން އެ ކޯޓުގައި އެޕީލް ކުރުމުންނެވެ.

ކާސް އިން ހާމަކޮށްފައިވާ ގޮތުގައި ހަތަރު އަހަރުގެ ސަސްޕެންޝަން ކުޑަކޮށްފައިވަނީ އެކަމަކީ ގަސްތުގައި ޕޮގްބާ ބޭނުންކުރި ބޭހެއްކަމަށް ސާބިތު ނުކުރެވޭތީ އެވެ.

ޕޮގްބާ ވަނީ އޭނާ ކުޅިވަރުގައި މަނާ ބޭހެއް ބޭނުންނުކުރާ ކަމަށާއި، އޭނާ ބޭނުންކޮށްފައިވަނީ ޑޮކްޓަރެއްގެ ލަފާގެ މަތިން އޭނާއަށް ދިން ނިއުޓްރިޝަނަލް ސަޕްލިމެންޓެއް ކަމަށް ބުނެފައެވެ. މީގެ ކުރިން މެންޗެސްޓާ ޔުނައިޑަށް ކުޅެފައިވާ ޕޮގްބާ ވަނީ އެޕީލް މަރުހަލާގައި މިދިޔަ ހޫނު މޫސުމުގައި ކޯޓުގައި އޮތް އަޑުއެހުންތަކަށް އަމިއްލައަށް ގޮސް ބަޔާން ދީ، މި މައްސަލައިގައި އޭނާ ގޯހެއް ހަދާފައި ނުވާކަން ސާބިތުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އިޓަލީގެ އެންޓި ޑޯޕިން އެޖެންސީން ޕޮގްބާ ހަތަރު އަހަރަށް ސަސްޕެންޑް ކޮށްފައިވާއިރު, އެ ސަސްޕެންޝަނުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރެއެވެ. އެހެންކަމުން އޭރަށް ޕޮގްބާއަށް 34 އަހަރުވެ އޭނާއަށް އަލުން ޕްރޮފެޝަނަލް ފުޓްބޯޅައިގެ ތެރެއަށް އައުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

މިދިޔަ ފެބްރުއަރީ މަހު ޕޮގްބާ، ހަތަރު އަހަރަށް ސަސްޕެންޑް ކޮށްފައިވަނީ އިޓަލީގެ ނެޝަނަލް އެންޓި ޑޯޕިންގ ޓްރައިބިއުނަލުންނެވެ.

ކުޅިވަރުގެ ކަންތަކުގައި ބަސް އިއްވާ އެންމެ މަތީ ކޯޓުން ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަހަށް ކުޑަކުރިއިރު އޭނާ އެދިފައިވަނީ 12 މަސް ދުވަހަށް ކުޑަކުރުމަށެވެ. ނަމަވެސް ކާސް އިން ބުނެފައިވާ ގޮތުގައި 12 މަސް ދުވަހަށް ސަސްޕެންޝަން ކުޑަ ނުކުރެވޭނީ އެކަމުގައި ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ހުރެ އޭނާ އަމިއްލައަށް ނަގަންޖެހޭ ޒިންމާ ނުނަގާ އޮތް ކަމަށް ބުނެ އެވެ.

ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަހަށް ކުޑަކުރުމުން އަންނަ މާޗް މަހު އޭނާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ އެވެ. އަދި އަންނަ ޖެނުއަރީ މަހު އޭނާއަށް ޓީމެއްގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭ އިރު ޔުވެންޓަންސް އިން ވަނީ ޕޮގްބާ އާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލާފަ އެވެ. އެހެންކަމުން ޕޮގްބާ އަށް އޭނާ ބޭނުން ޓީމަކާއި ގުޅުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.