ޚަބަރު

އެސްޓަން ވިލާ އާއެކު ހަދާފައިވާ އެއްބަސްވުން ޑުރާން އައުކޮށްފި


އެސްޓަން ވިލާގެ ޒުވާން ފޯވާޑް ޖޯން ޑުރާން އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، 2030 ގެ ނިޔަލަށް އޭނާ އެ ޓީމުގައި ބަހައްޓަން ނިންމައިފިއެވެ.

އުމުރުން 20 އަހަރުގެ ކޮލަމްބިއާ އަށް އުފަން ޑުރާން އެސްޓަން ވިލާ އާއި ފުރަތަމަ ގުޅިފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު 18 މިލިއަން ޕައުންޑްގެ ފީއަކަށް އެމެރިކާގެ ޝިކާގޯ ފަޔަރ އިންނެވެ. އޭރު އޭނާ އެސްޓަން ވިލާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.

ޑުރާންގެ އެއްބަސްވުން އެސްޓަން ވިލާއިން އައުކޮށްފައިވާއިރު މިދިޔަ ޓްރާންސްފަރ ގައި އޭނާ ހޯދުމަށް ޕްރިމިއަރ ލީގުގެ ޗެލްސީ އާއި ވެސްޓް ހޭމް ޔުނައިޓެޑް އިން ވަނީ މަސައްކަތް ކޮށްފަ އެވެ.

އެސްޓަން ވިލާ އިން ޑުރާންގެ އެއްބަސްވުން އައުކުރިއިރު, މި ސީޒަނުގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި އެސްޓަން ވިލާއަށް ހަ ގޯލު ކާމިޔާބުކޮށްދީފައިވާ ޑުރާން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަންގެ ބަޔާން މިއުނިކް އަތުން 1-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވި މެޗުގައިވެސް ލަނޑު ޖަހާފަ އެވެ.

އަދި މި ސީޒަނުގައި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް އާއި ލެސްޓަރ ސިޓީގެ އިތުރުން އެވަޓަން އަތުން އެސްޓަން ވިލާ މޮޅުކޮށްދިން ލަނޑުތައް ޖަހައިދީފައިވަނީވެސް ޑުރާން އެވެ.

އެސްޓަން ވިލާގެ ކޯޗު ކަމާއި އުނައި އެމްރީ ހަވާލުވުމަށްފަހު އެ ކްލަބަށް ގެންދިޔަ ދެވަނަ ކުޅުންތެރިއަކީ ޑުރާން އެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅެދިން 56 މެޗުގައި 14 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި ކޮލަމްބިއާގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 12 މެޗުގައި އޭނާ ވަނީ އެއް ލަނޑު ޖަހާފަ އެވެ.