ޚަބަރު

މިއަހަރު 300 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުސަތު


  • މިއަހަރުތެރޭގައި ޖުމްލަ 53 ސްކޮލަރޝިޕް ސްކީމް

  • 681 ދަރިވަރުން ދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުން

މިއަހަރުގެ މިހާތަނަށް 300 އަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ އިން މިއަހަރުތެރޭގައި ޖުމްލަ 53 ސްކޮލަރޝިޕް ސްކީމެއް އިޢުލާންކޮއްފައިވާއިރު، ޖުމްލަ 345 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މިއަހަރުގެ މިހާތަނަށް 681 ދަރިވަރުން ރާއްޖެއާއި ރާއްޖޭން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަން ފަށާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން މިއަހަރު އިޢުލާނުކުރި ސްކޮލަރޝިޕް ސްކީމްތަކުގެ ތެރޭގައި، މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް، ހައި އެޗީވާސް ސްކޮލަރޝިޕް އަދި އެކައުންޓިން ސްކޮލަރޝިޕް ހިމެނެއެވެ.

މީގެ އިތުރުން، ޗައިނާ، ތުރުކީ، އިނގިރޭސިވިލާތް އަދި ޖަޕާން ފަދަ ބޭރުގެ ޤައުމުތަކުގެ ޚަރަދުގައި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ހާޞިލުކުރުމާއި ތަމްރީނުވުމަށް ސްކޮލަރޝިޕްގެ ފުރުޞަތުތަކެއް ވެސް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ދަރިވަރުންނަށް އެކި ޤައުމުތަކުން މަތީތަޢުލީމަށް ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދެމުން އަންނައިރު ސްކޮލަރޝިޕްގެ އިތުރުން ލޯނު ނަގައިގެން ކިޔެވުމުގެ ފުުރޞަތުތައް ފަހިކޮށްދެއެވެ. ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމުގެ ސަބަބުން އެކި ޤައުމުތަކުން ފުލީ ފަންޑެޑް ސްކޮލަރޝިޕްތަކާއި ވަކި އިންސައްތައެއް ހިލޭ ކޮށްދޭ ސްކޮލަރޝިޕްތައް ފަހިކޮށްދެއެވެ.