ޚަބަރު

ކަކުލުގެ އަނިޔާއަކާ ހެދި ގަނާޗޯ އާޖެންޓީނާގެ ސްކޮޑުން ވަކިވެއްޖެ


އާޖެންޓީނާގެ ވިންގް، އަލެހަންދްރޯ ގަނާޗޯގެ ވާތުފައިގެ ކަކުލުހުޅަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ވެނެޒުއެލާ އާއި ބޮލީވިއާ އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކުގައި ބައިވެރިނުވާނެ ކަމަށް އެ ޓީމުން ބުނެފިއެވެ.

އުމުރުން 20 އަހަރުގެ ގަނާޗޯ ވަނީ އިނގިރޭސި ލީގުގައި އޭނާގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑުން އެންމެ ފަހުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗު އެއްކޮށް ފުރިހަމަކޮށްފައެވެ. އެހެންނަމަވެސް، މި އަނިޔާގެ ސަބަބުން އާޖެންޓީނާގެ ސްކޮޑާ ނުގުޅޭނެ އެވެ.

އާޖެންޓީނާ އިން އެންމެ ފުރަތަމަ އެކުލަވާލި ސްކޮޑުގައި ހިމެނުނު ގަނާޗޯ ވަނީ މިހާތަނަށް އެ ޓީމަށް ހަތް މެޗު ކުޅެފައެވެ. އޭނާ ވަނީ އެންމެ ފަހުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އާޖެންޓީނާ ސްކޮޑުގައި ހިމެނިފައެވެ. އާޖެންޓީނާ އިން ވަނީ އެ މުބާރާތް ކާމިޔާބުކޮށް، 16 ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދާފައެވެ.

ގަނާޗޯގެ ބަދަލުގައި އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ވަނީ، ލެސްޓާ ސިޓީގެ ފަކުންޑޯ ބުއޮނަނޮޓޭ އަށް ކުރިއަށް އޮތް ދެ މެޗަށް ފުރުޞަތު ދީފައެވެ.

މިހާތަނަށް ކޮލިފައިންގައި ކުޅުނު 8 މެޗުން 18 ޕޮއިންޓް ހޯދައިގެން އެއްވަނައިގައި އާޖެންޓީނާ އޮތްއިރު، އެ ޓީމަށް ދެން އެންމެ އަވަހަށް އޮތީ މި މަހުގެ 11 ވަނަ ދުވަހު ރަށުން ބޭރުގައި މިވަގުތު ހަވަނައިގައި އޮތް ވެނެޒުއެލާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު، މި މަހުގެ 16 ވަނަ އަމިއްލަ ދަނޑުގައި އާޖެންޓީނާ ނިކުންނާނީ ބޮލިވީއާ އާ ދެކޮޅަށެވެ.