ޚަބަރު

އެމްއެލްއެސްގެ މެޗުތައް ބަލަންދިޔަ ސަޕޯޓަރުންގެ އަދަދު 11 މިލިޔަނަށްވުރެ އިތުރުވެ، ރިކޯޑެއް މުގުރާލައިފި


އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ މި ފަހަރުގެ ރެގިއުލާ ސީޒަނުގެ މެޗުތައް ބަލަން ހާޒިރުވި މީހުންގެ އަދަދު 11 މިލިއަނަށްވުރެ އިތުރުވެ، ރެކޯޑެއް މުގުރާލައިފިއެވެ.

މިހާތަނަށްއައިއިރު މި ފަހަރުގެ ރެގިއުލާ ސީޒަނުގެ ބާކީ 16 މެޗު އޮތްއިރު، ނިމިދިޔަ ސީޒަނުގެ 10,900,804 ގެ ރެކޯޑު ފަހަނައަޅާ ވަނީ ގޮސްފައެވެ.

މި ރެކޯޑު މުގުރާލައިފައިވާކަން މި ހަފްތާގެ ހޯމަ ދުވަހު އިއުލާންކުރަމުން، ލީގުން ބުނެފައިވަނީ އިންޓަ މަޔާމީގެ ލިއޮނެލް މެސީ ފަދަ ބައިނަލްއަޤްވާމީ ސުޕަރސްޓާރުން ފަހަކަށްއައިސް ބައިވެރިވުމާއި "އިތުރަށް ޚާއްޞަ، ކުޅިވަރު ބެލުންތެރިންނަށް ފަސޭހަ ޓިކެޓް ޕެކޭޖުތައް" އުފެއްދުމަކީ މި ކުރިއެރުން ދެމެހެއްޓުމުގެ މައިގަނޑު ސަބަބުތައް ކަމަށެވެ.

މިހާރު ލީގުގެ ކޮންމެ މެޗެއް ބެލުމަށް ދަނޑަށް ހާޒިރުވާ ސަޕޯޓަރުން އިތުރުވުމަށް މަގުފަހިކޮށްދީފައިވާ ސަބަބުތަކުގެ ތެރޭގައި، މިދިޔަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު އެރޯހެޑް ސްޓޭޑިއަމްގައި މެސީ އާއި މަޔާމީ އިން ސްޕޯޓިންގ ކެންސަސް ސިޓީއާ ކުޅުނު މެޗަށް 72,610 މީހުން ހާޒިރުވުމާއި، ޖުލައި މަހުގެ 4 ވަނަ ދުވަހު ރޯސް ބޯލްގައި އެލްއޭއެފްސީއާއި އެލްއޭ ގެލެކްސީއާ ދެމެދު ކުޅުނު އެލް ޓްރާފިކޯ މެޗަށް 70,076 މީހުން ހާޒިރުވުމެވެ.

އަދި، އޭޕްރިލް މަހުގެ 27 ވަނަ ދުވަހު އިންޓަ މަޔާމީއާ ނިއު އިންގްލެންޑް ރެވޮލިއުޝަން ކުޅުނު މެޗަށް ޖިލެޓް ސްޓޭޑިއަމްގެ ރެކޯޑު އަދަދެއްކަމުގައިވާ 65,612 އެއްހާ ސަޕޯޓަރުން ހާޒިރުވިއެވެ.

އެމްއެލްއެސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރު ލީގުގައި އެވްރެޖްކޮށް ކޮންމެ މެޗަކަށް ކުޅިބަލަން 23,240 އެއްހާ ސަޕޯޓަރުން ހާޒިރުވެއެވެ.