ޚަބަރު

ޙައްޖާއި ޢުމްރާގެ ކަންކަން ހަރުދަނާ ކުރުމަށް ފުރަތަމަ ފަހަރަށް މަހާސިންތާއެއް ބާއްވަނީ


  • މި މަހާސިންތާ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު

  • މިއީ މިފަދަ މަހާސިންތާއެއް ބާއްވާ ފުރަތަމަ ފަހަރު

ޙައްޖާއި ޢުމްރާގެ މައްސަލަތައް ހަރުދަނާ ކުރުމަށް މަހާސިންތާއެއް ބޭއްވުމަށް ނިންމަވަފާއިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވީ، މީސްމީޑިއާ މެދުވެރިކޮށް ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޝަހީމް ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޙައްޖާއި ޢުމްރާއާ ބެހޭ ކޮންފަރެންސް މިމަހުގެ 31 ގައި ބާއްވަން ނިންމާފައިވާކަމަށެވެ. އެގޮތުން މި މަހާސިންތާއަކީ، ޚިދުމަތް ދޭ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަހާސިންތާއެއް ކަމަށް ވިދާޅުވިއެވެ. އަދި މީގެ މަޤުޞަދަކީ ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދިވެހިން ގެންދިއުމުގެ އިންޒާމު ހަރުދަނާކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޙައްޖާއި ޢުމްރާގެ މަހާސިންތާއެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގައި މިވަގުތު ޙައްޖަށް މީހުން ގެންދަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ. ނަމަވެސް ޢުމްރާއަށް މީހުން ގެންދިއުމަށް މިވަގުތުވެސް 56 ކުންފުންޏަކަށް އިސްލާމީ ކަންތައްތާކާ ބެހޭ ވުޒާރާގެ ފަރާތުން ވަނީ ހުއްދަދެވިފައެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ޙައްޖާއި ޢުމްރާއަށް ގެންދިއުމުގެ ކަންކަން ހަރުދަނާ ކުރުމަށް މަހާސިންތާއެއް ރާވާފައިވާ، މީގެ ކުރިން އިމާމުންގެ މަހާސިންތާއަކާއި، ދީނީ ޢިލްމުވެރިންގެ މަހާސިންތާއެއްވެސް ވަނީ ބާއްވާފައެވެ. މިއީ ރާއްޖޭގެ ދީނީ ރޮނގުން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާއްވަމުންދާ މަހާސިންތާތަކެކެވެ.