ޚަބަރު

ނޭޕާލް އަތުންވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން


ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖޭގެ ޒުވާން ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުން ކުޅުނު ތިންވަނަ މެޗުގައި ނޭޕާލް އަތުންވެސް ބަލިވެއްޖެއެވެ.

ހަ ގައުމު ވާދަކުރާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ލަންކާ އާއި، އުޒްބެކިސްތާނާއި، ކިރްގިސްތާނާއި، ނޭޕާލް އަދި ތުރުކުމެނިސްތާނެވެ. މުބާރާތް ކުރިއަށްދަނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮލޮމްބޯގެ ސުގަތަދާސަ އިންޑޯ ސްޓޭޑިއަމުގައެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި މިއަދު ނޭޕާލް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ނޭޕާލުން ގެންދިޔައީ 25-5، 25-12 އަދި 25-20 އިންނެވެ. މި މެޗުން ރާއްޖެ ބަލިވިއިރު، މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ތުރުކުމެނިސްތާން އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ވަނީ ސީދާ ތިން ސެޓުން ލަންކާ އަތުން ބަލިވެފައެވެ.

މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކިރްގިސްތާނުން ވަނީ ތިން ސެޓު ދެ ސެޓުން ލަންކާ ބަލިކޮށްފައެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ.