ޚަބަރު

އޭޝިއަން ޗެމްޕިއަންޝިޕުގައި ރާއްޖެއިން ކިރްގިސްތާން ބަލިކޮށްފި


ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ކުރިއަށްދާ 27 ވަނަ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އޭޝިއަން ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ކިރްގިސްތާން ބަލިކޮށްފިއެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާ ގައުމީ ޓީޓީ ޓީމުގައި ހިމެނެނީ އަށް ކުޅުންތެރިންނެވެ. އެއީ ހަތަރު އަންހެން ކުޅުންތެރިންނާއި ހަތަރު ފިރިހެން ކުޅުންތެރިންނެވެ. މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އަންހެން ސްކޮޑުގައި ހިމެނުނީ ފާތިމަތު ދީމާ އަލީ އާއި، އައިޝަތު ރަފާ ނާޒިމާއި، މިޝްކާ މުޙައްމަދު އިބްރާހީމް އަދި ލައިސާ ފަތުހުﷲ އިސްމާޢީލެވެ.

އަންހެން ޓީމުން ގްރޫޕް ސްޓޭޖުގައި ކިރްގިސްތާން ބަލިކޮށްފައިވަނީ ތިން ގޭމު އެއް ގޭމުންނެވެ. މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ތިން ސެޓު ދެ ސެޓުން ކުޑުސޯވާ ސައިޑީ އަތުން ބަލިވެފައެވެ. މި ގޭމުގެ ފުރަތަމަ ސެޓު ދީމާ 11-9 އިން ގެންދިޔަ ނަމަވެސް، ޖެހިގެން އައި ދެ ސެޓު ކުޑުސޯވާ ވަނީ 11-9 އަދި 11-8 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ހަތަރު ވަނަ ސެޓު ދީމާ ވަނީ 12-10 އިން ކާމިޔާބުކޮށްފައި ވަނިކޮށް، ފަހު ސެޓު ކުޑުސޯވާ ގެންދިޔައީ 12-10 އިންނެވެ.

މި މެޗުގެ ދެވަނަ ގޭމުގައި ރަފާ ވަނީ ފަހަތުން އަރައި ތިން ގޭމު ދެ ގޭމުން ރަމައިދާ ބަލިކޮށްފައެވެ. މި ގޭމުގެ ފުރަތަމަ ދެ ސެޓު ރަމައިދާ ކާމިޔާބުކުރީ 13-11 އަދި 11-7 އިންނެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓު ރަފާ ވަނީ 11-5, 13-11 އަދި 11-8 އިން ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ތިން ވަނަ ގޭމުގައި މިޝްކާ ވަނީ ސީދާ ތިން ސެޓުން މުރަތަލިއެވާ ރައިއަނާ ބަލިކޮށްފައެވެ. މި ގޭމުގެ ސެޓުތައް މިޝްކާ ގެންދިޔައީ 11-4, 11-6 އަދި 12-10 އިންނެވެ. އަދި ހަތަރުވަނަ ގޭމުގައި ދީމާ ވަނީ ސީދާ ތިން ސެޓުން ރަމައިދާ ބަލިކޮށް، މި މެޗުން ރާއްޖެ މޮޅުކޮށްދީފައެވެ. މި ގޭމުގެ ސެޓުތައް ދީމާ ގެންދިޔައީ 11-8, 11-5 އަދި 11-7 އިންނެވެ.

މި މެޗުން ރާއްޖޭގެ އަންހެން ޓީމު މޮޅުވި ނަމަވެސް، ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އުޒްބެކިސްތާން އަތުން ތިން ގޭމު އެއް ގޭމުން ބަލިވެފައެވެ. އަދި ޗައިނީސް ޓައިޕޭ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ. އެއާއެކު ގްރޫޕް ހަތަރެއްގެ ތިންވަނައިގައި ރާއްޖެ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ސްކޮޑުގައި ހިމެނުނީ އެންމެ ފަހުގެ ގައުމީ ޗެމްޕިއަންކަން އަޚްޔާރު އަޙްމަދު ޚާލިދާއި، މުންސިފް އަޙްމަދާއި، މުޙައްމަދު ޝައްފާން އިސްމާޢީލް އަދި ޒީކް ހަސަން ލަތީފެވެ.

ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ތިން ގޭމު އެއް ގޭމުން ގަތަރު އަތުން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ސިންގަޕޫރު އަތުން ސީދާ ތިން ގޭމުން ވަނީ ބަލިވެފައެވެ. ތިން ޓީމު ހިމެނޭ މި ގްރޫޕުގައި ކުޅުނު ދެ މެޗުން ރާއްޖެ ބަލިވުމުން، ގްރޫޕް ސްޓޭޖް ނިންމާލީ ފުލުގައެވެ.