ޚަބަރު

ބްރޯޑްކާސްޓް ކަޕް 2024 މި ހަފުތާ ބަންދުގައި


މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "ބްރޯޑްކާސްޓް ކަޕް 2024" ގެ ގުރުއަތުލުން ބާއްވައިފިއެވެ.

ބްރޯޑްކާސްޓް ކަޕަކީ ކޮންމެ އަހަރެއްގެ 4 އޮކްޓޫބަރުގައި ފާހަގަކުރާ ބްރޯޑްކާސްޓް ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ހިންގާ ހުރިހާ ޓީވީ/ރޭޑިއޯ ޗެނަލްތަކަށް ހުޅުވާލައިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ބާއްވާ މުބާރާތެކެވެ. މި އަހަރުގެ މުބާރާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހެވެ.

މި އަހަރުގެ ބްރޯޑްކާސްޓް ކަޕުގައި އަށް ޓީމެއް ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ގުރުއަތުލުން މިއަދު ހަވީރު ޓީވީއެމް ސްޓޫޑިއޯގައި ބޭއްވިއިރު، މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ގްރޫޕް އެކެއްގައި ހިމެނެނީ ޕީއެސްއެމް ނިއުސް އާއި، ގުތު ޕްލަސް އާއި، އަސްލު ޓީވީ އަދި ބްރޯޑްކޮމް ޓީމެވެ. އަދި ގްރޫޕް ދޭއްގައި ހިމެނެނީ ޓީވީއެމް އާއި، އެސްއެސް ޓީވީ އާއި، ވީޓީވީ އަދި އައިސް ޓީވީއެވެ.

މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މައުލޫމާތުދެއެވެ.

މި މުބާރާތް މިދިޔަ އަހަރުވެސް ބޭއްވިއިރު، އެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ޔެސް ޓީވީ އިންނެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އައިސް ޓީވީ ބަލިކުރުމަށްފަހުއެވެ.