ޚަބަރު

"ގޯލްޑް ކަޕް 2024" ގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ވީހާވެސް ބޮޑަށް ގަދަކުރުމުގެ ބޭނުމުގައި 90 ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވާ "ގޯލްޑް ކަޕް 2024" ގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ.

އިއްޔެ ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި 90 ޕްލަސްގެ ފަރާތުން ސޮއިކުރެއްވީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝާޒްލީއެވެ. އަދި ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކްޓިން ހެޑް އޮފް ސޭލްސް އެންޑް މާކެޓިން, އިބްރާހީމް ރަމީޒެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި ޝާޒްލީ ވިދާޅުވީ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމް ހަމަޖެހުމާއެކު، މުބާރާތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މުޅި ރާއްޖެ ހިމެނޭ ގޮތަށް ބާއްވާ މުބާރާތެއް ލައިވްކޮށް ދެއްކުމަކީ ދިވެހި ފުޓްބޯޅައަށް ކުރިއެރުންތަކެއް އަންނާނެ ކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރި ގޯލްޑް ކަޕް ބޭއްވުމަށް މަސައްކަތް ކުރަނީ އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެ ގޮތުން، ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮތްއިރު، މިހާތަނަށްވެސް ފުޓްބޯޅައިގެ މަޝްހޫރު ގިނަ ރަށްތަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. އެ ގޮތުން މުބާރާތުގައި މިހާތަނަށް އިވެރިވި މަޝްހޫރު ރަށްތަކުގެ ތެރޭގައި ބ. އޭދަފުއްޓާއި، ޅ. ނައިފަރާއި، ހއ. ދިއްދޫ އަދި ފ. ނިލަންދޫ ހިމެނެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ގޯލްޑް ކަޕުގައި މި ފަހަރު 24 ޓީމެއް ވާދަކުރާއިރު، ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ އަދި ރަނަރަޕަށް ބައިލައްކަ ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ގުޅިގެންނެވެ.