ޚަބަރު

އިނިއެސްޓާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި


ދުނިޔޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ސްޕެއިންގެ އެންދްރޭސް އިނިއެސްޓާ، އުމުރުން 40 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އިނިއެސްޓާ ކުޅުން ހުއްޓާލިއިރު އޭނާ ކުޅެމުންދިޔައީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމިރޭޓްސް ކްލަބަށެވެ. 2023 ވަނަ އަހަރު އެމިރޭޓްސް ކްލަބާއި ގުޅުމުގެ ކުރިން އޭނާ ކުޅެފައިވަނީ ޖަޕާނުގެ ވިސެލް ކޯބޭ އަށެވެ. 2002 ވަނަ އަހަރުގެ ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ސްޕޭނުގެ ބާސެލޯނާއަށް ކުޅުނު އިނިއެސްޓާ ވަނީ އެ ކްލަބަށް 442 މެޗު ކުޅެފައެވެ.

ބާސެލޯނާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިނިއެސްޓާ ވަނީ އޭނާ ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގެ ތެރެއަށް ވަންނަ ވާހަކަ އިއުލާން ކޮށްފަ އެވެ. އެގޮތުން ކުޅުންތެރިއެއްގެ ގޮތުގައި ދަނޑު މަތިން ދެން އޭނާ ނުފެންނާނެ ކަމަށާއި ނަމަވެސް އޭނާއަށް ފުޓްބޯޅަ އާއި ދުރުގައި ނުހުރެވޭނެތީ ކޯޗެއްގެ ގޮތުގައި ފެންނާނެ ކަމަށްވެސް އިނިއެސްޓާ ވަނީ ބުނެފަ އެވެ.

ބާސެލޯނާގެ ލަމާސިއާ އެކަޑަމީއިން ފުޓްބޯޅައިގެ ހުނަރުތައް ދަސްކުރުމަށްފަހު އިނިއެސްޓާ ވަނީ ބާސެލޯނާގައި 22 އަހަރު ހޭދަކޮށްފަ އެވެ. އަދި އެ މުއްދަތުގައި އެ ކްލަބާއިއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލަލީގާ 9 ފަހަރު އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ވަނީ 4 ފަހަރު ހޯދާފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމަށް 131 މެޗު ކުޅެދީފައިވާ އިނިއެސްޓާ ވަނީ ސްޕެއިން އާއިއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރެއިންވެސް 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ސްޕެއިން އަށް ކާމިޔާބުކޮށްދިން ލަނޑު ޖަހާފައިވަނީވެސް އިނިއެސްޓާ އެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިނިއެސްޓާ އިއުލާން ކުރުމާއިއެކު އޭނާއާއިއެކު ބާސެލޯނާގައި އެތައް އަހަރެއް ހޭދަކޮށްފައިވާ އާޖެންޓީނާގެ ލިއޮނެލް މެސީ ބުނެފައިވަނީ އިނިއެސްޓާ އަށް އަބަދުވެސް ހެޔޮ އެދޭ ކަމަށާއި އަދި ދަނޑުމަތިން އޭނާ ނުފެނުމަކީ އޭނާގެ އިތުރުން އެތައް ބަޔަކަށް ލިބިގެންދާނެ ދެރައެއް ކަމަށެވެ.

އިނިއެސްޓާ ބާސެލޯނާގައި ހޭދަކުރި ރަން ދުވަސްވަރު އޭނާއާއި އެކު އެ ކްލަބުގެ މެދުތެރެއަށް އޭރު ކުޅުނު ޒަވީ ހަނާންޑޭޒް އާއި ސާޖިއޯ ބަސްކޭ ވެފައިވަނީ ކޮންމެ ކްލަބަކުންވެސް އެންމެ ޖެހިލުންވި މެދެތެރެއަށެވެ.