ޚަބަރު

މަހަރާޝްތްރާގެ ގަވަރުނަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


  • ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

އިންޑިއާގެ މަހަރާޝްތްރާގެ ގަވަރުނަރު ސީ.ޕީ ރާދަކްރިޝްނަން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ގަވަރުނަރު ރާދަކްރިޝްނަން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފުދަށް މަރުޙަބާ ދެންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ވަފުދު މުމްބާއީއަށް ޒިޔާރަތްކުރެއްވީތީ، ގަވަރުނަރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މުމްބާއީގެ ރައްޔިތުންނާއި ގަވަރުނަރު ރާދަކްރިޝްނަން، އެމަނިކުފާނުގެ ދެކަނބަލުންނާއި ދިވެހި ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާ އާއި ދެއްވި ދީލަތި މެހުމާންދާރީއަށް ޝުކުރުއަދާކުރެއްވިއެވެ. އަންނަ އަހަރަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން، އިންޑިއާ އާއި ރާއްޖޭގެ ބަދަހިގުޅުމުގެ އަގުވަޒަންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުމާ ބެހޭގޮތުންވެސް ގަވަރުނަރު ރާދަކްރިޝްނަން ވާހަކަފުޅުދެއްކެވިއެވެ. އަދި މި ދާއިރާތަކާއި އިތުރި ދައިރާތަކުން ދިވެހި ރައްޔިތުންނާއި މަހަރާޝްތްރާގެ ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.