ޚަބަރު

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދ. އަތޮޅުގައި ގާއިމްކުރަނީ


  • އިމިގްރޭޝަނުންވަނީ ދ. އަތޮޅުގެ ކައުންސިލާ ބައްދަލުކޮށްފައި

  • މަޤްސަދަކީ މިއަހަރު ނިމުމުގެ ކުރިން މިޚިދުމަތް އެއަތޮޅުން ލިބުން

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ދ. އަތޮޅުގައި ގާއިމްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދ. އަތޮޅު ކައުންސިލާއި ބައްދަލުކޮށްފިއެވެ.

މިބައްދަލުވުމަކީ ޕާސްޕޯޓުގެ ޚިދުމަތް ދ.އަތޮޅުގައި ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވެވި ބައްދަލުވުމެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އިމިގްރޭޝަނުން ވިދާޅުވީ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިޚިދުމަތް ދ.އަތޮޅުން ފެށުން ކަމަށެވެ.

ދިވެހި ޕާސްޕޯޓަކީ ރައްޔިތުންނަށް ވީހާވެސް ފަސޭހައިން، ފުޅާދާއިރާއެއްގައި ފޯރުކޮށްދޭން ޖެހޭ ޚިދުމަތަކަށްވާއިރު، އަމާޒަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށް އިމގްރޭޝަނުން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމަކީވެސް އަމާޒެއް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި އިމިގްރޭޝަންގެ ފަރާތުން ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްޢާން ވަޙީދާއި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާނާއި އެހެން އިސް އޮފިޝަލުން ބައިވެރިވެވަޑއިގެންނެވިއެވެ. ކައުންސިލްގެ ފަރާތުން ކައުންސިލްގެ މެމްބަރުންނާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.