ޚަބަރު

ލަންކާ އާއި ޕާކިސްތާން އަތުން ރާއްޖޭގެ ޓީޓީ ޓީމަށް މޮޅެއް


ކަޒަކްސްތާންގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އޭޝިއަން ޗެމްޕިއަންޝިޕްގެ ޓީމު އިވެންޓްގެ ރޭންކިން މެޗުތަކުން ރާއްޖޭގެ ޓީމުތަކުން ސްރީ ލަންކާ އާއި ޕާކިސްތާން އަތުން މޮޅުވެއްޖެ އެވެ.

ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމަށް ވެސް ގްރޫޕް ސްޓޭޖުން ކުރިއަށްދެވޭ ގޮތް ނުވުމުން ކުޅެން ޖެހިފައިވަނީ ރޭންކިން މެޗުތަކެވެ. އެ ގޮތުން، އަންހެން ޓީމު ހިމެނުނީ، 15-18 ވަނައާ ދެމެދުގެ ރޭންކިން ކަނޑައަޅާ ބްރެކެޓްގަ އެވެ. އެ ބްރެކެޓްގެ ފުރަތަމަ މެޗުން އަންހެން ޓީމުން ވަނީ 3-0 އިން ސްރީ ލަންކާ ބަލިކޮށްފަ އެވެ. އެކަމަކު، ފަހު މެޗުގައި މޮންގޯލިއާ އަތުން 3-0 އިން ބަލިވީ އެވެ.

ލަންކާ އަތުން ފުރަތަމަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވަނީ ލަންކާގެ ލެސަންޏާ އަތުން 12-10، 11-08، 11-08 އިން މޮޅުވެފަ އެވެ. ދެ ވަނަ ގޭމުގައި، ފާތިމަތު ދީމާ އަލީ ވަނީ ލަންކާގެ ޝަމަލްޝާ އަތުން 11-09، 11-09، 11-04 އިން މޮޅުވެފަ އެވެ. ތިން ވަނަ ގޭމުގައި، މިޝްކާ މުހައްމަދު އިބްރާހިމް ވަނީ ލަންކާގެ މަނީޝާ ޝަލިންދީ އަތުން 3-1 އިން މޮޅުވެފަ އެވެ. ސެޓުތައް ދިޔައީ، 11-13، 07-11، 11-09 އަދި 02-11 އިންނެެވެ.

މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި، އުންދްރަމް އަތުން ރަފާ ބަލިވީ 3-0 އިންނެވެ. ސެޓުތައް ދިޔައީ، 11-07، 11-06 އަދި 11-04 އިންނެވެ. ދީމާ އަތުން ބޯލޯ-އާޑްނޭ މޮޅުވީ 3-2 އިންނެވެ. ސެޓުތައް ދިޔައީ، 11-07، 07-11، 07-11، 11-09 އަދި 11-07 އިންނެވެ. މިޝްކާ އަތުން ބަލްޖިންޔާން މޮޅުވީ 3-1 އިންނެވެ. ސެޓުތައް ގެންދިޔައީ، 11-08، 11-04. 09-11 އަދި 11-06 އިންނެވެ.

ފިރިހެން ޓީމު އިވެންޓްގައި ރާއްޖެ ހިމެނުނީ 19-24 ވަނަ އަށް ނަގާ ރޭންކިން ބްރެކެޓްގަ އެވެ. ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ރާއްޖެ މޮޅުވީ 3-2 އިންނެވެ. މިއީ، ޕާކިސްތާން އަތުން ފިރިހެން ޓީޓީ ޓީމު ހޯދި ފުރަތަމަ މޮޅެވެ.