ޚަބަރު

މިލާންގެ ތެއޯ ހެނާންޑޭޒަށް ދެ މެޗުގެ ސަސްޕެންޝަނެއް


އޭސީ މިލާނަށް ކުޅެމުން އަންނަ ފްރާންސްގެ ފުލްބެކް ތެއޯ ހެނާންޑޭޒް، އިޓާލިއަން ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ފިއޮރެންޓީނާއާ ބައްދަލުކުރި މެޗަށްފަހު އަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުން ދެ މެޗަށް ސަސްޕެންޑްކޮށްފިއެވެ.

ފިއޮރެންޓީނާގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް މިލާން ކުޅުނު މެޗަށްފަހު ހެނާންޑޭޒް ވަނީ ރެފްރީ ލޫކަ ޕައިރެޓޯގެ ނިންމުންތަކާ ދެކޮޅަށް އިހުތިޖާޖްކޮށްފައެވެ. އޭގެނަތީޖާއެއްގެ ގޮތުން، ރެފްރީ ވަނީ ހެނާންޑޭޒް އަށް ސީދާ ރަތެއް ދައްކާފައެވެ.

މިކަމާ ގުޅޭގޮތުން، ލީގުގެ ފަނޑިޔާރު ބުނީ، ހެނާންޑޭޒް ވަނީ، ރުޅި އައިސްފައިހުރެ ރެފްރީއާ މުހާތަބުކޮށް ވަރަށް ބޮޑަށް ނުރުހުންތެރިކަމާއެކު ފާޑުކިޔުމެއް އެތައް ފަހަރަކު ރައްދުކޮށްފައި ކަމަށެވެ.

ފްރާންސްގެ ގައުމީ ޓީމުގެ އިތުރުން މިލާންގެ ޑިފެންސްގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ހެނާންޑޭޒް ވަނީ މި ފަހަރުގެ ސީޒަނުގައި މިހާތަނަށް މިލާން ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައެވެ. އެހެންކަމުން، މިލާނުން ދެން ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް އޭނާ ސަސްޕެންޑްކޮށްފައިވުމަކީ ސީޒަނުގެ ކުރީކޮޅު އެންމެ ރަނގަޅު ފޯމެއް ހިފެހެއްޓިފައިނުވާއިރު އެ ޓީމަށް ކުރިމަތިވާނެ ބޮޑު ގެއްލުމަކަށް ވާނެ އެވެ.

ހެނާންޑޭޒް އަށް މި ސަސްޕެންޝަނުގެ ސަބަބުން އިންޓަނޭޝަނަލް ބްރޭކަށްފަހު މިލާން ދެން އެންމެ އަވަހަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އަމިއްލަ ދަނޑުގައި އުދިނޭޒީއާ ބައްދަލުކުރާ މެޗާއި، އެއަށްފަހު ދެން ރަށުން ބޭރުގައި ބޮލޯނިއާ އާ ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވާ މެޗު ވެސް ނުކުޅެވޭނެ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު، ހަތް މެޗުން ލިބުނު 11 ޕޮއިންޓާއެކު މިލާން އޮތީ ތާވަލްގެ ހަވަނައިގައެވެ. އެންމެ ކުރީގައި އުޅޭ ނާޕޮލީއާ މިލާނާ ދެމެދު ފަސް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

މިލާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރޭގައި ފިއޯރެންޓީނާގެ ކޯޗު، ރަފައެލް ޕަލަޑީނޯ ވެސް މެޗު ނިމުމުގެ 4 މިނެޓް ކުރިން ވަނީ ދަނޑުން ފޮނުވާލައިފައެވެ. އަދި، އޭނާ އެއް މެޗަށް ސަސްޕެންޑްކޮށް 5000 ޔޫރޯއިން ޖޫރިމަނާކުރެވުނެވެ. ފިއޮރެންޓީނާގެ ކޯޗު، ޕަލަޑީނޯ ސަސްޕެންޑްކުރީ ހަޑިހުތުރު ބަސް ބޭނުންކޮށްގެން މެޗުގެ އޮފިޝަލުންނަށް ފާޑުކިޔުމުންނެވެ.

ފިއޮރެންޓީނާ އަށް ދެން އެންމެ އަވަހަށް އޮތީ ރަށުން ބޭރުގައި ލެއްޗޭއާ ކުޅެން ޖެހޭ މެޗެވެ.