ޚަބަރު

ކުޅިވަރުގެ ރޫހާ ޚިލާފުވުމުން ރޫނީގެ މައްޗަށް ތުހުމަތުތަކެއް


އިނގިރޭސި އެފްއޭއިން ޕްލައިމަތު އާގައިލްގެ ކޯޗު ވޭން ރޫނީގެ މައްޗަށް ކުޅިވަރުގެ ރޫހާ ޚިލާފުވުމުން ދައުވާ އުފުލައި، ތުހުމަތުތަކެއް ކޮށްފިއެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، ރޫނީގެ މައްޗަށް އެފްއޭ އިން ކުރަނީ، މެޗުގެ އޮފިޝަލުންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުޢާމަލާތު ކުރުން ހިމެނޭ ގޮތަށް ތިން ދައުވާއެކެވެ.

ރޫނީ ވަނީ، އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރާ ޕްލައިމަތު އެންމެ ފަހުން ކުޅުނު މެޗުގައި 2-1 އިން ބްލެކްބާން ރޯވާސް އަތުން މޮޅުވި މެޗުގެ ކުޅުން ކުރިއަށްގެންދަނިކޮށް ރެފްރީގެ ނިންމުންތަކާ ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކޮށް، އެ ޓީމުން މޮޅުވި ލަނޑުޖެހުމުގެ ކުރީން، ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެ މެޗު ނިމުމުން ދަނޑަށްވެސް އަރާފައެވެ.

އެފްއޭ އިން ބުނި ގޮތުގައި ރޫނީއަށް ދަޢުވާ ކުރެވިފައިވަނީ "އަނިޔާވެރި ނުވަތަ ފުރައްސާރަ ކުރުމުގެ ބަސްތައް" ބޭނުން ކުރުމާއި، ރަތް ކާޑު ދެއްކުމަށްފަހު "އެކަށީގެންނުވާ ނުވަތަ އަނިޔާވެރި" އަމަލު ހިންގުމާއި، އޭގެ ފަހުން ދަނޑަށް އައުމުން "އެކަށީގެންނުވާ އަމަލު" ހިންގުމުގެ ތުހުމަތެވެ. މި ދައުވާތަކަށް ރޫނީ ޖަވާބުދިނުމަށް އެއް ހަފްތާގެ މުއްދަތެއް ދީފައިވާ ކަމަށް އެފްއޭއިން ވަނީ ބުނެފައެވެ.

މިއީ ޕްލައިމަތާއެކު ރޫނީ ހޭދަކުރާ ފުރަތަމަ ސީޒަނެވެ. 24 ޓީމު ހިމެނޭ އިނގިރޭސި ދެވަނަ ޑިވިޝަނުގައި އެ ޓީމު މިވަގުތު އޮތީ 14 ވަނައިގައެވެ.