ޚަބަރު

ރެޑް ބުލްގެ ގްލޯބަލް ހެޑް އޮފް ސޮކާގެ މަގާމަށް ކްލޮޕް


ރެޑް ބުލްގެ ހެޑް އޮފް ސޮކާގެ މަގާމަށް ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ހަމަޖައްސައިފިއެވެ.

އުމުރުން 57 އަހަރުގެ ކްލޮޕް ބުނީ ގާތްގަނޑަކަށް 25 އަހަރު ވަންދެން ބެންޗުގައި އިނދެ ކުޅިވަރަށް ޚިދުމަތްކުރުމަށްފަހު، މި ކަހަލަ މަޝްރޫއެއްގައި ބައިވެރިވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށެވެ. އޭނާ އަދާކުރާ ދައުރު ބަދަލުވެ، ތަފާތުވެގެންދިޔަ ނަމަވެސް ފުޓްބޯޅައަށް އޮންނަ ލޯތްބާއި ޝައުގުވެރިކަމަށް ބަދަލެއް ނާންނާނެ ކަމަށްވެސް ކްލޮޕް ވަނީ ބުނެފައެވެ.

ރެޑް ބުލްގައި ކްލޮޕް ހަވާލުވި މަސައްކަތުގެ ތެރެއިން، ކުޅުންތެރިން ތަރައްޤީކުރުމާއި، ޓްރާންސްފާއާ ގުޅުންހުރި ކަންކަމުގައި ރެޑް ބުލްގެ ކްލަބުތަކަށް ލަފާދޭނެ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ރެޑް ބުލްގެ ކުޑައިގެ ދަށުން ހިންގަމުންދާ ކުލަބުތަކަކީ ޖަރުމަންގެ އާރްބީ ލައިޕްޒީގާއި، ނިއު ޔޯކް ރެޑް ބުލްސް އާއި، އާރްބީ ސާލްޒްބާގާއި، އާރްބީ ބްރަޒިލް އަދި އާރްބީ ބްރަގަންޓީނޯއެވެ.

މިދިޔަ ސީޒަނަށްފަހު ލިވަޕޫލްގެ ކޯޗުގެ މަގާމު ދޫކޮށްލުމަށްފަހު ކްލޮޕް މިހާތަނަށް ހުރީ އެއްވެސް ކްލަބަކާ ހަވާލުނުވެއެވެ. ލިވަޕޫލްގައި ހޭދަކުރި ދުވަސްވަރު ކްލޮޕް ވަނީ އެ ޓީމާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި، އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕާއި، އިނގިރޭސި އެފްއޭ ކަޕާއި، ލީގު ކަޕް އަދި ޔުއެފާ ސުޕަ ކަޕާއި، ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ.