ޚަބަރު

ޢިލްމު ފެތުރުމުގެ ހުރިހާކަމަކީ ފައިސާއާ ގުޅިފައިވާކަންކަމަށް ވެގެން ނުވާނެ: ވަޒީރު ޑރ.ޝަހީމް


  • މިސްކިތްތަކުގައި ޤުރުއާން ކުލާސް ހިންގުމުގެ ހުއްދަ 32 ފަރާތަކަށް ދީފައިވޭ

  • މިސްކިތު ޤާރީ ކިލާސް 29 ތަނެއްގައި ހިންގުމަށްވަނީ ތައްޔާރުވެފައި

  • މިސްކިތު ޤާރީ ކިލާސް 09 އޮކްޓޫބަރުން ފެށިގެން ކުރިއަށްދާނެ

އިލްމު ފެތުރުމުގެ ހުރިހާކަމަކީ ފައިސާއާއި ގުޅިފައިވާކަންކަމަށް ވެގެން ނުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކުލާސް ހިންގުމަށް ކުރިއަށްގެންދާ ''މިސްކިތު ޤާރީ ކިލާސް''ގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދޭން ޝައުގުވެރިވާ ފަރާތްތަކެއް ތިބިކަމީ އުފާ ކުރައްވާކަމެއްކަމަށެވެ. އަދި މަތިވެރި މިމަސައްކަތުން އިލްމީ މޮޅު ދަރިންތަކެއް އުފެދިގެން ދާނެކަމަށެވެ.

ވަޒީރު ޝަހީމް ވިދާޅުވީ ޤުރުއާން ކިޔަވައިދިނުމުގެ އިތުރުން ނަމާދުގައި ކިޔާތަކެއްޗާއި ރަނގަޅު ތަރުބިއްޔަތު ދަސްކޮށްދިނުމަކީ ޤުރުއާން ކުލާހަކުން ހާސިލްވެގެން ދާނެ ކަންތައްތައްކަމަށެވެ. އަދި ތިމާއަށް ލިބިފައިވާ އިލްމެއް އެހެންބަޔަކަށް އަގަކާއި ނުލާ ފޯރުކޮށްދިނުން ވަރުގެ ހެޔޮކަމެއް ނުވާކަމަށް ވިދާޅުވެ، އިލްމު ފެތުރުމުގެ ހުރިހާކަމަކީ ފައިސާއާއި ގުޅިފައިވާކަމަކަށް ވެގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ހިލޭ ސާބަހަށް '' މިސްކިތު ޤާރީ ކިލާސް'' ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި މިއީ މިސްކިތްތަކުގެ ދައުރު ފުޅާކުރުމުގެ މަޤްސަދުތަކުގެ ތެރޭގައިވެސް ހިމެނޭކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ މި މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި މިސްކިތްތަކުގެ ދޮރުތައް އަބަދުވެސް ހުންނާނީ މިފަދަ މަތިވެރި މަސައްކަތްތަކަށް ހުޅުވިފައި ކަމަށެވެ.

ކިޔަވަން އަންނަ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރިވެތި ގޮތުގައި އެކުދިންނާ މުޢާމަލާތް ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

" އެތަނަށް ކިޔަވަން އަންނަ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް މުދައްރިސުން ވަރަށް ބޮޑަށް ސަމާލުވާން ޖެހެނޭ. އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭން ވާނެ. އޯގާތެރިކަމާއެކު މުއާމަލާތް ކުރަންވާނެ. ޖިސްމާނީ ނޫނީ ޖިންސީގޮތުން އަނިޔާ ލިބޭނެ އެެއްވެސް މަގެއް ހުޅުވިގެން ނުވާނެ. " އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިންވަނީ މިސްކިތްތަކުގައި ޤުރުއާން ކުލާސް ހިންގުމަށް ހުއްދަ 32 ފަރާތަކަށް ދެއްވާފައެވެ. އޭގެތެރޭގައި 23 ރަށަކާއި 3 ޖަމްޢިއްޔާގެ އިތުރުން މާލެ ސަރަހައްދުގެ 5 މިސްކިތް ހިމެނެއެވެ. މީގެ ތެރެއިން 29 ތަނެއްގައި މިކިލާސް ހިންގުމަށް މިހާރު ތައްޔާރުވެފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިކިލާސް އެންމެ ފުރަތަމަ ފަށާ އަތޮޅުތަކުގެ ތެރޭގައި ހއ، ހދ، ނ، ބ، ކ، އއ.ގެ އިތުރުން އދ، މ، ތ، ލ، ގއ، އަދި ގދ، ޏ، ސ އަތޮޅު ހިމެނޭ ކަމަށެވެ. މީގެއިތުރުން މާލެ، ވިލިމާލެ، ހުޅުމާލޭގައި މިކިލާސްތައް ހިންގާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ⁠މިކިލާސްތައް 09 އޮކްޓޫބަރުން ފެށިގެން ކުރިއަށްދާނެކަމަށެވެ.