ޚަބަރު

"ހިންނަވަރު އަތުޖެހި"ތައްޔާރުކޮށް ވިއްކަމުންދަނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ނޫން: އެމްއެފްޑީއޭ


  • އަތުޖެހި ޕެކެޓުގައި ހުރި ދަފްތަރު ނަމްބަރު ސައްޙައެއް ނޫން

  • ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތައް ޕޯޓަލް އަދި ވެބްސައިޓުން އެނގޭނެ

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ އުސޫލާ ޚިލާފަށް ކާބޯތަކެތި ވިއްކަމުންދާ ފަރާތެއް ފާހަގަވެފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވެއްޖެއެވެ.

އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ހިންނަވަރު އަތުޖެހި ޕެކެޓުތައް ތައްޔާރުކުރަމުންދާ ބްރައިޓް ވިއު ބްރޭންޑަކީ އެއޮތޯރިޓީގައި ރަޖިސްޓަރކޮށްފައިވާ ފަރާތެއް ނޫންކަމަށެވެ. އަދި މިބްރޭންޑްގެ ދަށުން ތައްޔާރުކޮށް ވިއްކަމުންދާ ހިންނަވަރު އަތުޖެހި ޕެކެޓުތަކުގައި ބޭނުންކޮށްފައިވާ ނަމްބަރަކީ އަމިއްލަ ދިރިއުޅުމަށް ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރުކުރުމުގެ އުސޫލުގެ ދަށުން ދޫކޮށްފައިވާ ނަމްބަރެއް ނޫންކަމަށެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ އެއޮތޯރިޓީގެ ހުއްދައާއެކު ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކުގެ މަޢުލޫމާތު އެއޮތޯރިޓީގެ "ދިރިތި" ޕޯޓަލްއާއި ވެބްސައިޓުގައި ޝާއިޢުކޮށް އަދާހަމަކުރަމުންދާކަމަށެވެ. އެހެންކަމުން ކާބޯތަކެތި ގަތުމުގައި މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އުސޫލާ ޚިލާފަށް އެކަން ކުރަމުންދާކަން ފާހަގަވެއްޖެނަމަ އެކަން އެމްއެފްޑީއޭއާއި ހިއްސާކުރެއްވުމަށްވެސްވަނީ އެދިވަޑައިގެންފައެވެ.

އަލަށް ތަންފީޒުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށްވަނީ ބާރުތަކެއް ލިބިފައެވެ. އެގޮތުން އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން އުފައްދާ ބާވަތްތައް އެމްއެފްޑީއޭގެ ދަފްތަރުގައި ރަޖިސްޓަރކޮށް، އެއަށްފަހު އޮތޯރިޓީން ދޫކުރާ ދަފްތަރު ނަމްބަރާއެކު ބާޒާރަށް ނެރުމަށްވަނީ ކަނޑައަޅާފައެވެ. މިއާއެކު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެއޮތޯރިޓީންކުރާ މަސައްކަތް ހަރުދަނާވެގެންދާނެކަމަށް އެމްއެފްޑީއޭއިން ވިދާޅުވެއެވެ. އެގޮތުން އިންސްޕެކްޝަންތަކުގައި، ބާޒާރުގައި ހުންނަ މުދަލުގެ މަޢުލޫމާތު ހޯދުމަށް ފަސޭހަވެގެންދާނެކަން އެއޮތޯރިޓީން ފާހަގަކުރައްވައެވެ.