ޚަބަރު

ޑޮކްޓަރަށް ޝުކުރުއަދާކޮށް، ރިކަވަރީގެ ކަންކަން ރަނގަޅަށް ކުރިއަށްދާ ކަމަށް ދަގަނޑޭ ބުނެފި


ކަކުލުގެ އޮޕަރޭޝަނަށްފަހު ރިކަވަރީގެ ކަންކަން ރަނގަޅަށް ކުރިއަށްދާ ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަަލީ އަޝްފާގު (ދަގަނޑޭ) ކޮށްފިއެވެ.

މިހާރު އުމުރުން 39 އަހަރުގެ ދަގަނޑޭ ކަކުލުގެ އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ މަހު އިންޑިއާގައެވެ. އޭނާ އޮޕަރޭޝަން ކޮށްފައިވަނީ، ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް އޮޕަރޭޝަން ނުކޮށް, ފަސް ވަރަކަށް އަހަރު ދުވަހު ހުރުމަށްފަހުއެވެ. އެގޮތުން މި ފަހުން ދަގަނޑޭ ކުޅެމުން އައީ ކަކުލުގެ އަނިޔާއަކާ އެކުގައެވެ. އޭނާގެ ކަކުލަށް އެންމެ ފަަހުން އަނިޔާވީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގައި ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އޮޕަރޭޝަނަށްފަހު ދަގަނޑޭގެ ރިކަވަރީގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ދަގަނޑޭ ބުނީ މިހާތަނަށް ރިކަވަރީގެ ކަންކަން ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ރިކަވަރީ ދަތުރު އެހާ ފަސޭހަކޮށްދިން ފިޒިއޮތެރަޕިސްޓް، ޑރ. އަބީޝޭކް ޝެޓީއަށް ޝުކުރުއަދާކުރާ ކަމަށާއި، އޭނާގެ ފަރާތުން ލިބިގެންދިޔައީ އަގު ނުކުރެވޭ ވަރުގެ އެއްބާރުލުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ދަގަނޑޭ ކަކުލުގެ އޮޕަރޭޝަނެއް ކުރިއިރު، މި އޮޕަރޭޝަންގައި ކަކުލުގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓާއި، މެނިސްކަސްއަށް ލިބިފައިވާ ގެއްލުންތަކެއް ހިމެނޭހެން ޖުމްލަ ތިން މައްސަލައެއް ހައްލުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. އޮޕަރޭޝަނަށް ފަހު އަލުން ދަނޑަށް ނުކުންނަން ދަގަނޑޭއަށް މަދުވެގެން އަށެއްކަ މަސް ހޭދަވާއިރު، މި އުމުރުގައި މިފަދަ އޮޕަރޭޝަންތަކަށް ފަހު ވަރަށް ގިނަ ކުޅުންތެރިން އަނބުރާ ކުޅެން ނުކުމެފައެއް ނުވެއެވެ.

އެކަމަކު އޮޕަރޭޝަން ކުރުމުގެ ކުރިން ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ދަގަނޑޭ ބުނެފައިވަނީ ފޯކަސް ހުރީ ފުރަތަމަ އަނިޔާއިން އަރައިގަތުމަށް ކަމަށެވެ. އަދި ރިކަވަރީއަށްފަހު މަތީ ފަންތީގައި ކުޅޭނެކަމާ މެދު އަދި އެއްޗެއް ބުނަން ނޭގޭ ކަމަށްވެސް ވަނީ ބުނެފައެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް 98 މެޗު ކުޅެދީފައިވާ ދަގަނޑޭ ވަނީ ގައުމީ ޖާޒީގައި 58 ލަނޑު ކާމިޔާބުކޮށްފައެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ދަގަނޑޭ ވަނީ ރާއްޖެއިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.