ޚަބަރު

ރާއްޖޭގައި އިންވެސްޓްކުރުމަކީ އައު އީޖާދުތައް ބޭނުންކުރުމަށް އޮތް ފުރުޞަތެއް: ރައީސް


  • މޫސުމީ ބަދަލުތަކުގެ ދާއިރާއަށް ޓެކްނޮލޮޖީ ތަޢާރަފްކުރެވިދާނެކަމަށް އެމަނިކުފާނު ވިދާޅުވި

ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަކީ އައު އީޖާދުތަކާއި ކުރިއެރުމަށް ފުރުޞަތު އޮތް މާކެޓެއްގައި ބައިވެރިވުމަށް ލިބޭ ފުރުސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 2030 ވަނަ އަހަރާ ހަމައަށްދާއިރު، ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤްތިޞާދަށް ހެދުމަށް އަމާޒުހިފާފައިވާކަމަށް ވިދާޅުވިއެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ރާއްޖޭގެ ކުރިއަރަމުންދާ ޑިޖިޓަލް އިޤްތިޞާދާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި ފުރުޞަތުތައް ބަލައި ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ އިންވެސްޓަރުންނަށް ދަޢުވަތުދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވީ، ރާއްޖޭގައި އިންވެސްޓްކުރުމަކީ އޭގެ ފައިދާ ކުރުމުއްދަތެއްގެ ތެރޭގައި ހޯދޭނެ އިންވެސްޓްމަންޓެއްކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރުމަކީ، ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީގޮތުން ކުރެވޭ މަސައްކަތުގައި ބައިވެރިވުންކަމުގައިވެސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ދުނިޔޭގެ އައު އީޖާދުތަކާއި ފުރުޞަތުތަކުގެ ބޭނުންވެސް ހިފުމަށް އެންމެ ރަނގަޅު މަންޒިލަކީ ރާއްޖެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުން، ރާއްޖެ އޮތް ސަރަޙައްދާއި، ޒުވާން އަދި ހަރަކާތްތެރި މަސައްކަތްތެރިންނާއި، ޓެކްނޮލޮޖީގެ ކުރިއެރުން އިތުރުކުރުމަުރުމަށް އަމާޒުކޮށްފައިވާ ސަރުކާރުގެ އެހީތެރިކަމާއެކު ސިޔާސަތުތަކުގެ ބޭނުން ހިފިދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކަށް ޤާނޫނީ ފުރިހަމަ ރައްކާތެރިކަން އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެކަމަށްޓަކައި ފޮރިން އިންވެސްޓްމަންޓްގެ ޒަމާނީ އައު ޤާނޫނެއް ވުޖޫދަށް ގެނެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާއި ރާއްޖެ ގުޅިގެން، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމާއެކު އިޤްތިޞާދީ ތަރައްޤީއަށް އައު ފުރުޞަތުތައް އުފައްދައި، އެންމެ ޒަމާނީ ހައްލުތައް ކުރިއަށް ގެންދެވިދާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ އިންޑިއާގެ އިންވެސްޓްމަންޓްތަކަށް އެންމެ އެކަށީގެންވާ ތަންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއީ ދެޤައުމުގެ ގާތްކަމާއި ވިޔަފާރިއަށް މަގުފަހިވާ މާޙައުލެއް އުފެއްދުމަށް މަގުފަހިކޮށްދޭ ކަންތައްތަކެއް ހުރުމާއެކު ޖިއޮގްރަފީގެ ގޮތުންވެސް ދެޤައުމު ކައިރިވެފައި، ވިޔަފާރީގެ ދަތުރުތަކަށާއި ލޮޖިސްޓިކްސްއަށް ފަސޭހަވާނެތީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.