ޚަބަރު

އިންޑިއާއަކީ ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ ދާއިރާގައި ނަމޫނާއެއް: ރައީސް


  • ދެޤައުމު ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާއިން ކުރެވޭ މަސައްކަތް ފުޅާކުރާކަމަށް ރައީސް ވިދާޅުވި

ޑިޖިޓަލް އިންޤިލާބަކަށް ވާސިލްވުމަށް ރާއްޖެއިން ހިފާފައިވާ އަމާޒުގައި، ޓެކްނޮލޮޖީ އަދި އައު އީޖާދުތަކުގެ ދާއިރާގައި ނަމޫނާއަކަށް ބަލަނީ އިންޑިއާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ބެންގަލޫރުގައި ބޭއްވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ 3 ވަނަ އެޑިޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބިޒްނަސް ފޯރަމްގައި ވާޙަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ވިދާޅުވީ، މި ފަސް އަހަރު ދުވަހަކީ ރާއްޖޭގެ އިޤްތިޞާދަށް އައު އީޖާދުތައް ގެނުވޭނެ ފަސް އަހަރުކަމަށެވެ. އެގޮތުން ރާއްޖެއަށް ތަޢާރަފްކުރާ އީ-ވޮލެޓުތަކާއެކު އިޤްތިޞާދު ޒަމާނީކޮށް، މާލީ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތަޢާރަފްކުރެނުކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެއީ އިންޑިއާއާއެކު ގުޅިލާމެހިފައިވާ އިޤްތިޞާދަކާ ދިމާލަށް ދިއުމަށް ކުރަމުންދާ ދަތުރުގައި ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްކަމަށެވެ. މިއީ ވިޔަފާރިތަކަށް ފަސޭހަކުރުމާއި، ލުއިފަސޭހަ މުޢާމަލާތްތަކާއި ބައިނަލްއަޤްވާމީ މާލީ އަދި އީ-ކޮމާސް ޕްލެެޓްފޯމްތަކަށް ފަސޭހައިން ވާސިލުވުމުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުން އިތުރުކުރުމަށް އެމަނިކުފާނުގެ ސަރުކާރުގެ ވިސްނުން ހުރިގޮތް ދައްކުވައިދޭ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ މައިގަނޑު އެއް ދާއިރާއަކީ ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީ ފުޅާކުރުންކަމަށެވެ.

"މިކަން ފަސޭހަކުރުމަށްޓަކައި، އަޅުގަނޑުމެން ވަނީ މޯލްޑިވްސް ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖީ ތަޢާރަފުކޮށްފައި. މީގެ މަޤްޞަދަކީ ޓެކްނޮލޮޖީއަށް ބަރޯސާވާ ޞިނާޢަތްތަކުން ފެށިގެން ފަންނުވެރިކަމާއި މީޑިއާގެ ދާއިރާއާއި ހަމައަށް، ގެންގޮސްދިނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ޑިޖިޓަލް އިންޤިލާބަކާ ހަމައަށް ދާކަން ތަކުރާރުކުރައްވަމުން ވިދާޅުވީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމު ހިމެނޭ ގޮތަށް ހުރިހާ ދާއިރާއެއްވެސް ޑިޖިޓަލައިޒް ކުރުމަށް މަސައްކަތްކުރަމުން ގެންދަވާކަމަށެވެ. އަދި އިންޑިއާގެ ބެންގަލޫރުގެ ސިލިކޮން ވެލީގެ ތަޖުރިބާއާއި ވަސީލަތްތައް ބޭނުންކޮށްގެން، ޚާއްޞަކޮށް އައި.ސީ.ޓީގެ ދާއިރާއިން މަތީ ތަޢުލީމުގެ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްުލްޖުމްހޫރިއްޔާ ވިދާޅުވީ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިކަންކަން ޙާޞިލުކުރެވޭނެކަމަށެވެ.