ޚަބަރު

ކާވާ ވޮލީބޯލް ޗެލެންޖް ކަޕުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ޖާޒީ ހަވާލުކޮށްފި


އުޒްބެކިސްތާނުގައި ބާއްވާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލުކޮށްފިއެވެ. ޓީީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

ކާވާ ވޮލީބޯލް ޗެލެންޖް ކަޕް ކުރިއަށްދާނީ މި މަހުގެ 18 އިން 24 އަށް އުޒްބެކިސްތާނުގެ ޓަޝްކެންޓުގައެވެ. މި މުބާރާތުގައި ހަ ގައުމެއް ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖޭގެ އިތުރުން އުޒްބެކިސްތާން، ކިރްގިސްތާން، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި އަފްޣާނިސްތާނެވެ.

މުބާރާތުގައި ވާދަކުރާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް ހުޅުމާލޭ ސިންޓެޓިކް ޓްރެކުގެ ވީއައިޕީ ރޫމުގައި މިއަދު ބޭއްވި ހަފުލާގައި ކުޅިވަރާ ބެހޭ ވަޒީރު ރާފިޢުގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލާއި، ކާވާ އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ. އަދި ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝަރަފެވެ. ޝަރަފްގެ ދަށުން މަސައްކަތް ކުރަން ހަމަޖައްސާފައިވަނީ ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ އަޙްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި އަބްދުﷲ ޖުނައިދެވެ.

ކާވާ ވޮލީބޯލް ޗެލެންޖް ކަޕަށް ތައްޔާރުވުމަށް، ގައުމީ ޓީމު މާދަމާ ހެނދުނު އުޒްބެކިސްތާނަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. ހަފުތާއެއް ކުރިން ޓީމު އުޒްބެކިސްތާނަށް ފުރާއިރު، މުބާރާތުގެ ކުރިން އެ ގައުމުގެ ކުލަބުތަކާ ދެކޮޅަށް އެކުވެރިކަމުގެ ހަތަރު މެޗެއް ކުޅޭނެ ކަމަށް ވީއޭއެމް އިން މައުލޫމާތުދެއެވެ.