ޚަބަރު

އައު އުސޫލާއެކު ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް ކޮންމެއިރަކުވެސް އެދެވޭނެ


  • މީގެ ކުރިން ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލަނީ އަހަރަކު 2 ފަހަރު

  • ކޮންމެ 2 އަހަރަކުން ހުއްދަ އައު ކުރަންޖެހޭ

  • ހުއްދަ އައުކުރާނަމަ 15،000 ރުފިޔާ ދައްކަންޖެހޭ

ރާއްޖޭން މީހުން ޢުމްރާއަށް ގެންދާ ކުންފުނިތަކަށް އެކަމުގެ ހުއްދަ ހޯދުމަށް ކޮންމެ އިރެއްގައިވެސް އެދެވޭގޮތަށް އުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލަށް ބަދަލު ގެނެސްފިއެވެ.

މީގެ ކުރިން ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުސަތު އަހަރަކު 2 ފަހަރަށް ހުޅުވާލައެވެ. މިގޮތަށް ހުޅުވާލާތީ ބައެއް ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު ހަމަވި ނަމަވެސް އިއުލާނު ކުރަންދެން ހުއްދަ ނުނަގައި މަޑުކުރަން ޖެހެއެވެ. ނަމަވެސް އުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލަށް ގެނައި އިސްލާހްގައި ކޮންމެ އިރެއްގައިވެސް ހުއްދައަށް އެދެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ހުއްދައަށް އެދުމުގެ ފުރުސަތު އަހަރަކު 2 ފަހަރު ހުޅުވާލުމުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިވެލުއޭޓް ކުރަން ޖެހޭކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. ނަމަވެސް އައު އުޞުލާއެކު ޕްރޮޕޯސަލްތައް އަންނަ ވަރަކުން ބަލަމުން ދާނެކަމަށް ވިދާޅުވެއެވެ.

މީގެ ކުރިން ޕްރޮޕޯސަލްތައް ހުށަހަޅަންޖެހެނީ ވަކި ސުންގަޑިއެއްގައި ކަމަށާއި އަދި ޕްރޮޕޯސަލްގައި މައްސަލަ ދިމާވާ ކުންފުނިތަކަށް ހުއްދަ ނުލިބި ފުރުސަތު ގެއްލޭކަމަށެވެ. ނަމަވެސް މިހާރު ޕްރޮޕޯސަލް ރަނގަޅު ކުރުމަށްފަހު އަލުން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި މައްސަލަ އުޅޭ ޑޮކިއުމެންޓް ރަނގަޅު ކުރުމަށްފަހު ވަކިން ފޮނުވޭނެއެވެ.

އުޞޫލްގައި ވާގޮތުން ކުރިއެކޭވެސް އެއްގޮތަށް ހުއްދަ ދޫކުރަނީ 2 އަހަރުގެ މުއްދަތަކަށެވެ. މުއްދަތު ހަމަވުމުން އަލުން ހުއްދައަށް އެދެންޖެހެއެވެ.

ކުރީގެ އުސޫލުގައި ވާގޮތުންނަމަ އައު ޕްރޮޕޯސަލެއް ހުށަހަޅާނަމަ ކޮންމެ ފަހަރަކު 20،000 ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް މިހާރުގެ އުސޫލުގައި ވާގޮތުންނަމަ 20،000 ރުފިޔާ ދައްކަން ޖެހޭނީ އަލަށް ހުއްދަ ނަގާނަމައެވެ. ހުއްދަ އާކުރާނަމަ ދައްކަން ޖެހޭނީ 15،000 ރުފިޔާއެވެ. އަދި ހުއްދަ ނުނަގާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކުލަވާލި އުޞޫލުގައިވެއެވެ.

މިއުޞޫލްގައި ވާގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ހުއްދަދީފައިވާ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފު ވެއްޖެނަމަ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 1000 ރުފިޔާއާއި 1،00،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ލިބެއެވެ. އަދި ޢުމްރާއަށް ގެންދިޔުމުގެ ހުއްދަ ނެތި އެއްވެސް ޢަމަލެއް ކޮށްފިނަމަ އެ ކުންފުންޏެއް 1،00،000 އާއި 5،00،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް މިވަގުތުވެސް 56 ކުންފުންޏަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުއްދަ ދޫކޮށްފައެވެ. ފަހަކަށް އައިސް ރާއްޖޭގައި އެކި ދުވަސްވަރު ޢުމްރާއަށް ދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޚާއްސަގޮތެއްގައި ސްކޫލް ބަންދާއި ރަމަޟާންމަހު އުމްރާގެ އަޅުކަން އަދާކުރުމަށް ގިނަ ބަޔަކު ދެއެވެ.