ޚަބަރު

ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގެ ކުޅުން ފަށައިފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ވޮލީބޯލް ލީގު 2024 ގެ އަންހެން ޑިވިޝަނުގެ ކުޅުން ފަށައިފިއެވެ.

މި އަހަރުގެ ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަން ބާއްވާއިރު، މިއީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ގައުމީ އަންހެން ވޮލީ ލީގު ބާއްވާ ފުރަތަމަ ފަހަރެވެ. އެގޮތުން މި މުބާރާތް އެންމެ ފަހުން ބޭއްވީ 2017 ވަނަ އަހަރެވެ.

މި ފަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ހަ ކުލަބެއް އަންނަނީ ވާދަކުރަމުންނެވެ. އެއީ ކުލަބު ވެމްކޯ އާއި، ޕޮލިސް ކުލަބާއި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި, ގުޑީސް ސްޕޯޓްސް ކުލަބާއި، އަސްދިގަ ސްޕޯޓްސް ކުލަބު އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު މެންދުރުފަހު ކުޅުނު ފުރަތަމަ މެޗުން އަސްދިގަ ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ގުޑީސް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އަސްދިގަ އިން ގެންދިޔައީ 25-12، 25-21 އަދި 25-15 އިންނެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހިންމަފުށި އަތުން ޕޮލިސް ކުލަބު ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-11، 25-2 އަދި 25-2 އިންނެވެ. އަދި މިރޭ ކުޅުނު މެޗުން ވެމްކޯ ވަނީ ސީދާ ތިން ސެޓުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-22، 25-7 އަދި 25-18 އިންނެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 14 ވަނަ ދުވަހެވެ. އެ މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި ޕޮލިސް ކުލަބެވެ.