ޚަބަރު

ރާއްޖޭގެ ކަނޑުފަޅުގެ މަސައްކަތްތައް ދިވެހި ކުންފުނިތައް މެދުވެރިކޮށް ކުރުމަށް އެހީ ހޯދައިދެނީ


  • މޯލްޑިވްސް ރީފް ޕްރޮޖެކްޓުގެ ތެރެއިން އައްޑޫ އާއި ފުވައްމުލަކު ނޭޗަރ ޕާކް މަރާމާތު ކުރެވޭނެ

  • މިމަޝްރޫޢަށް އޮސްޓްރޭލިއާ ސަރުކާރުން 51 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ފޯރުކޮށްދޭނެ

ބޭރުގެ އެހީ ހޯދައިގެން ރާއްޖޭގެ ކަނޑުފަޅުގެ މަސައްކަތްތައް ދިވެހި ކުންފުނިތައް މެދުވެރިކޮށް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މޯލްޑިވްސް ރީފް ޕްރޮޖެކްޓުގެ ފަހުމުނާމާގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

މޯލްޑިވްސް ރެޒިލިއަންޓް ރީފް އިކޯސިސްޓަމް އެންޑް އިކޮނޮމީ ފޯ ފިއުޗަރ ޕްރޮޖެކްޓަކީ ގްލޯބަލް ފަންޑް ފޯރ ކޮރަލް ރީފްގެ އެހީތެރިކަމާއެކު ރާއްޖޭގެ ފަރުތައް ހިމާޔަތްކުރުމާއި ތިމާވެއްޓާއި ގުޅުންހުރި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ފުވައްމުލަކު ސިޓީ ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައި މިޕްރޮޖެކްޓުގެ ފަހުމުނާމާގައި އައްޑޫސިޓީ ކައުންސިލާއި ފުވައްމުލަކު ކައުންސިލާއި ޔޫއެންޑީޕީ އާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ސޮއިކޮށްފައެވެ.

މިފަހުމުނާމާއާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ މިފަހުމުނާމާގެ ދަށުން މައިގަނޑު ދެ މަސައްކަތެއް ކުރެވޭނެ ކަމަށެވެ. އެގޮތުން މިޕްރޮޖެކްޓުގެ ތެރެއިން އައްޑޫ ނޭޗަރ ޕާކާއި ފުވައްމުލަކު ނޭޗަރ ޕާކުތައް އޮޕަރޭޝަނަލައިޒް ކުރުމަށް މިވަގުތަށް ބޭނުންވާ މުހިންމު މަރާމާތު ކުރުމަށް ކޮންމެ ނޭޗަރ ޕާކަކަށް 2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤު ވިދާޅުވީ ކަނޑުފަޅުގެ މަސައްކަތްތައް ކުރާ ސްޓާޓްއަޕް ކުުންފުނިތަކެއް ރާއްޖޭގައި ތިބި ކަމަށާއި، މި ޕްރޮޖެކްޓުގެ ދަށުން، އެކުންފުނިތަކުގެ މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިހާރު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން 8 އަހަރަށް ދެމިގެންދާގޮތަށް މި ޕްރޮޖެކްޓު ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި ގްރާންޓް ބަޔައް 10 މިލިއަން ޑޮލަރު ހޭދަވާނެ ޕްރޮޖެކްޓް މުއްދަތުގެ ތެރޭގައި. މީގެ އިތުރުން މިދާއިރާގެ މަސައްކަތް ކުރުމަށް ޕްރައިވެޓް އިންވެސްޓް ހޯދޭނީ ކިހިނެތްތޯ ބެލިގެންދާނެ " ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

މިޕްރޮޖެކްޓުގެ މަސައްކަތަށް ގްލޯބަލް ފަންޑް ފޯ ކޯރަލް ރީފްގެ އިތުރުން އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަންވެސް ލިބޭނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއާއި އޮސްޓްރޭލިއާއަށްވެސް އެއް ބާވަތެއްގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި ދެ ޤައުމުގެ ގާތް ގުޅުމާއެކު މިޕްރޮޖެކްޓަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭ މަދުވެގެން 51 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ފޯރުކޮށްދޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

"އޮސްޓްރޭލިއާއިން 5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު 5 އަހަރު ތެރޭ ދޭނެ. މިއެހީއަކީ މޫސުމީ ބަދަލުތަކާއި ގުޅޭ މަޝްރޫޢުތަކަށް ދެވޭ އެހީއެއް. މިއީ ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްގެ އެހީއާއެކު އަޅުގަނޑުމެން ދޭނެ އެހީއެއް " އޮސްޓްރޭލިއާ ސަފީރު ވިދާޅުވިއެވެ.

މޯލްޑިވްސް ރީފް ޕްރޮޖެކްޓް ރަސްމީކޮށް ފެށިއިރު، ސަރުކާރުން ވަނީ މިޕްރޮޖެކްޓްގެ ތެރެއިން ކަނޑުފަޅުތަކުގެ މަސައްކަތް ކުރާ ދިވެހި ކުންފުނިތަކަށް ބޭރުގެ އެހީތެރިކަން ހޯދައިދީގެން އެކުންފުނިތައް މެދުވެރިކޮށް މަސައްކަތްތައް ކުރުވުމަށް މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވާފައެވެ. އަދި މިޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ ޤުދުރަތީ ފަރުތަކުގެ އަގު ކުރުމުގެ މަސައްކަތެއްވެސް ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.